ޖުމްހުރީ ޕާޓީއާ މިއަދު އަލަށް ގުޅިވަޑައިގެންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަށް އަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި މިނިސްޓަރުކަން ދޭން ނުޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލީޝަން އަށް ނިސްބަތްވާ ޖޭޕީގެ ލީޑަރު މިހެން ވިދާޅުވީ މިއަދު ނާޒިމް އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ކާނަލް ނާޒިމް މިހާތަނަށް ދައްކަވާފައި ހުރި ސާބުތުކަމާއި "ޕާފޯމަންސަށް" ބަލާކަމުގައި ވާނަމަ ޖޭޕީ ތެރޭގައި ހުންނެވި، އިބޫ ގެ ކެބިނެޓްޓަށް އެންމެ ގާބިލް އެއް ބޭފުޅާކީ ކާނަލް ނާޒިމް ކަމަށެވެ.

"އަޅުގަނޑުމެން ތެރޭގައި [ޖޭޕީ] ހުރިހާ ބޭފުޅުންނަށް މިނިސްޓަރުކަމަށް ނާދެވޭނެ، ނަމަވެސް އޭގެ [މިނިސްޓަރުންގެ] ތެރޭގައި ކާނަލް ނާޒިމް ނުހުމެނެންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގެ" އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ކާނަލް ނާޒިމް އަކީ މިނިސްޓަރު ކަމަށް ގާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާަސިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ގާސިމް ވިދާޅުވީ ނާޒިމް މިނިސްޓަރުކަން ބޭނުންފުޅުވެގެން އެނާ ކާއިރީގައި އެދިފައި ނުވާ ކަމަށާއި ނަމަވެސް ހިދުމަތްތެރިނާއި ތަޖުރިބާ ހުރި އިލްމީ ބޭފުޅުން މިނިސްޓްރީ ތަކަށް އަންނަންޖެހޭ ކަމަށެވެ.

އިންތިހާބީ ރައީސް އިބޫގެ ސަރުކާރެއްގައި ސިޔަސީ މަގާމަކަށް އަންނަން ހިޔާލު ކުރައްވަންތޯ "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، މި ފެށޭ ސަރުކާރުން އޭނާގެ ހިދުމަތް ބޭނުން ވެއްޖެ ނަމަ ހިދުމަތްކުރަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

ކާނަލް ނާޒިމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

"އަޅުގަނޑަށް ފުރުސަތު ދެއްވުމާއި ނުދެއްވުމަކީ ޖޭޕީގެ ލީޑަރުގެ އަތްޕުޅުގައި އޮތްކަމެއް، އަދި ކެބިނެޓަށް މިނިސްޓަރުން ހޮވުމަކީ އޭރެއްގައި ހުންނަ ރައީސުލް ޖުމްހޫރިއްޔާ އަތްޕުޅުގައި އޮންނަ ކަމެއް. އަޅުގަނޑުގެ ހިދުމަތް ބޭނުން ވެއްޖެ ނަމަ ސަރުކާރުގެ ކޮންމެ ދާއިރާއަކަށްވެސް އަޅުގަނޑުގެ ހިދުމަތް ލިބިގެން ދާނެ،" މިސަރުކާރުގެ ހެލްތް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާ މި ނިކުތީ ސިޔާސީ މަސައްކަތައް ކަމަށާއި، މި ނިކުތީ ރައްޔިތުނަށް ހިދުމަތައް ކަމަށެވެ. އެހެން ކަމުން ޖެޕީގެ ލީޑާޝިޕުން ބޭނުންވާ ކޮންމެ ދައިރާ އަކުން އެނާގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީން ކަން އެނާ ދެއްވިއެވެ.

އެޕާޓީއާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ނާޒިމް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމްގެ ހަތަރު ވަަނަ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހަމަޖައްސަވައިފައެވެ.