12 Nov 2018, 22:04
މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗުކޮށްފި އެވެ.
ދަރުބާރުގޭގައި އެކަމަށް ހާއްސަކޮށްގެން މިހާރު ކުރިއަށްދާ ހަފުލާގައި އެ އެޕްލިކޭޝަން ލޯންޗުކޮށް ދެއްވީ ބައިސްކޯފުގެ ސީއީއޯ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ އަހުމަދު ނާސިރުގެ ދަރިކަލުން މުހައްމަދު މިރުސާދެވެ.
"ބައިސްކޯފު" ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިރުސާދު ވިދާޅުވީ އެ އެޕްލިކޭޝަނަކީ ދިވެހިންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށާއި ގޭތެރޭގައި އެންމެ ބިޒީވާ ވަގުތު ވެސް އެ އެޕް ބޭނުންކުރެވޭނެ ކަމަށެވެ.
"އެންމެ ކުރީގެ ފިލްމުތަކުން ފެށިގެން ފަހުގެ ފިލްމުތައް ބަލާލެވޭނެ. ކުރީގެ ލަވަތަކުން ފެށިގެން މިހާރުގެ ލަވަތައް އަޑުއިވޭނެ. އަލްބަމްތައް ވެސް ހިމެނޭނެ،"
މިރުސާދު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ވެސް މި އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭގެ މުނިފިލުވުމުގެ ދާއިރާގެ ކަންތައްތައް ގާތުން ބެލުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ބައިސްކޯފު އެޕްލިކޭޝަން---
"ދިރާގު ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސް ހިލޭ މި އެޕް ބޭނުންކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ދިރާގަކީ "ބައިސްކޯފު" އެޕްގެ އެއް ޕާޓްނަރެވެ.
"ބައިސްކޯފު"އާ އެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނަ އިރު އެ އެޕް ވާނީ ރާއްޖޭގައި އަލަށް ވުޖޫދުވާ ފުރަތަމަ "މަލްޓި އެންޓަޓެއިނިން" އެޕަށެވެ.
އެ އެޕުން ދިވެހި ލަވަތަކުން ފެށިގެން ގޮސް ޓީވީ ޗެނަލްތައް ވެސް ލައިވްކޮށް ބަލާލެވޭނެ އެވެ. ކުރީގެ ދިވެހި ފިލްމުތަކާއި މަދަހަ، ރާއްޖޭގައި އުފައްދާފައިވާ ލަވަ އަލްބަމްތައް، އަދި ޓީވީ ޝޯތައް އެ އެޕް މެދުވެރިކޮށް ބަލާލެވޭނެ އިރު "ބައިސްކޯފު" ވާނީ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެ އެޕަކަށެވެ.
"ބައިސްކޯފު" ލޯންޗުކުރުމާ އެކު ފުރަތަމަ ވެސް އެ އެޕުން ސްޓްރީމް ކުރާނެ ދިވެހި ވެބް ސީރީޒަކަށް ވާނީ ފާތިމަތު ނަހުލާގެ "ހުވާ" އެވެ.
ހަފްލާގައި ވާހަކަ ދައްކަމުން ނަހުލާ ބުނީ އެޕްލިކޭޝަން އިން "ހުވާ" ދައްކާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށާއި "ބައިސްކޯފު"ގެ ޓީމަށް ޝުކުރުއަދާކުރާ ކަމަށެވެ.
"މިރޭ މިފަދަ ފުރުސަތެއް ދިނީމާ ހިތަށް އެރީ ނަހޫ ހަދާނީ ވަރުގަދަ ކޮންޓެންޓެކޭ. މާޔޫސްކޮށް ނުލާނެ ވަރުގަދަ އެއްޗެކޭ. ވަރުގަދަ ސެޓެއް ވެސް ތައްޔާރުކޮށްދިން. ނަހޫ އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑަށް ސެޓު ތައްޔާރުކޮށްދީފައި ހުރީ،"
"ހުވާ"ގެ އަސަރުގަދަ ޓްރެއިލާ ދައްކާލި އިރު އެ ސީރީޒް ދައްކަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުގަ އެވެ.