ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް، ރާއްޖެއިން ފުރިހަމަ ތާއީދާއި އެއްބާރުލުން ދޭނެ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ މާލޭ ގަޑިން 6:30 ގައި އދ. ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެ އޮތީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި، ފަލަސްތީނަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ޖާގައެއް ލިބުމުގެ ވަގުތު މާބޮޑަށްވެސް ޖެހިއްޖެ ކަމަށެވެ. އަދި ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރަން ފަލަސްތީނުން ހުށަހެޅި ހުށަހެޅުމަށް މެންބަރު ހުރިހާ ޤައުމަކުން ތާއީދު ކުރުމަށް ވެސް ނައިބު ރައީސް ގޮވައިިލެއްވެވި އެވެ.

ޑރ. ވަހީދު ވިދާޅުވީ އިންސާނީ ޙައްޤުތައް ހިމާޔަތްވުމާއި، ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުވުމަށް ބޭނުންވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އޮންނަ ކަމެއް ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤަށްޓަކައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މަސައްކަތްކުރަންވެއްޖެ ކަމަށެވެ.

ރާއްޖޭގަޔާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އިންސާނީ ޙައްޤުތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއްދޭކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި، ރޯމް ސްޓެޓިއުޓް އޮފް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ދިވެހިރާއްޖެ ބައިވެރިވިކަމީ ވަރަށް އުފާކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެއަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ޤާނޫނީ އެއްބަސްވުމެއް ނިންމަން ޖެހޭ ކަމަށާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އދ. އިން ޚާއްޞަ ޢިނާޔަތްތައްދޭން ޖެހޭ ކަމަށެވެ.