12 Nov 2018, 21:34
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ގާސިމް އިބްރާހިމްގެ ހަތަރު ވަނަ ޕޮލިޓިކަލް އެޑްވައިޒަރަކަށް މިއަދު އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޓް މުހައްމަދު ނާޒިމް ހަމަޖައްސަވައިފިއެވެ.
ގާސިމް އެނާގެ އެޑްވައިޒަރަކަށް ކާނަލް ނާޒިމް ހަމަޖެއްސެވިކަމަަށް އިއުލާން ކުރެއްވީ މިއަދު އެ ޕާޓީގެ އިދާރާގައި ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެވެ.
އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ސިޔާސީ މާއިދާނުގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި ރާއްޖެ ޑިމޮކޮރަސީގެ ހަގީގީ ބާނީ އަކީ ގާސިމް ކަމަށެވެ.
"އެބޭފުޅާ [ގާސިމް] އަރިހުގައި މިއަދުން ފެށިގެން މަސައްކަތް ކުރުމަށް އަޅުގަނޑަށް ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ދިވެހި ރާއްޖެ މި ދެކެމުން މިދާ ޑީމޮކްރަސީގެ ހަގީގީ ބާނީ އަކީ މި ޕާޓީ ގެ ލީޑަރު ގާސިމް އިބްރާހިމް،" މިއަދު އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ގާސިމްގެ އެޑްވައިޒަރު ކާނަލް ނާޒިމް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނާޒިމް އަކީ ގައުމަށް ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެނާ ސިފައިންގެ ބޭފުޅެއްގެ ގޮތުގައި އާއި އަދި އެކި އެކި މިނިސްޓްރީތަކުގައި އޭނާ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާ ކުރެއްވި އެވެ.
މީގެ ކުރިން ގާސިމް ވަނީ އޭނާގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ތިން ބޭފުޅުން ހަމަޖައްސަވާފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ މީގެކުރިން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވާފައެވެ.