12 Nov 2018, 20:55
މިމަހު 17 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި މިނިސްޓްރީތައް ގިނަވާނެ ކަމަށާއި ނަމަވެސް އެ ސަރުކާރުގެ ހަރަދު ކުޑަވާނެ ކަމަށް، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވުމަށް ބޭއްވި، ރަސްމިއްތުގައި ނޫސްބެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ކެބިނެޓް އެކުލަވާލައްވާނެ ގޮތާމެދު ކޯލިޝަން ތެރޭގައި ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި އަދިވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިމޭކަމަށެވެ.
ނަމަވަސް އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި އިބޫގެ ވިސްނުން ހުރީ ކެބިނެޓްގައި މިނިސްޓްރީތައް ގިނަވި ކަމުގައި ވިޔަސް، ޚަރަދު ކުޑަ ގޮތަކަކަށް މިނިސްޓްރީތައް ހިންގަން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ހަވީރު ވަނީ އިންތިހާބީ ރައީސް އިބޫއާ ބައްދަލު ކުރައްވާފައެވެ. އަދި ކެބިނެޓާ ގުޅޭގޮތުން މަޝަވާރާ ކުރެވުނު ކަމަށް ގާސިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ޖޭޕީ އަށް ސޮއިކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ
"[އިބޫގެ]ގެ ވިސްނުން ހުރީ ހަރަދު ކުޑަކޮށް، މިނިސްޓްރީތަކުގެ އަދަދު އިތުރުވެގެބް ދިޔަ ކަމުގައި ވިޔަސް، ޖުމްލަ ސިޔަސީ ދާއިރާތަކަށް ކުރައްވާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރައްވަންކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" މިއަދު އިންތިހާބީ ރައީސް އާއެ ގާސިމް ކެބިނެޓާއި ގުޅޭގޮތުން ކުރެއްވި މަޝަވަރާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އަދި މާދަމާ ރޭ ކެބިނެޓްގެ "ލިސްޓް" ފައިނަލް ކުރެވޭނެ ކަމަށާއި ނަމަވެސް މުޅިން މިކާމާ ގުޅޭގޮތުން ނިންމުމެއް ނިމެވޭނީ ބޭސްފަރުވާއަށް މޭލޭޝިއާއަށް ވަޑައިގެން ހުންނެވި ކޯލިޝަންގެ އެއްލީޑަރު ކަމުގައި ކުރީގެ ރައީސް މައުމޫން ބުދަ ދުވަހު މާލެ ވަޑައިގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާސިމް އިބޫގެ ސަރުކާރުގެ މިނިސްޓްރީތައް އިތުރުވާނެ ކަމަށް ވިދާޅުވި ނަމަވެސް މިކަމާ ގުޅޭ ގޮތުން އިންތިހަބީ ރައީސް އގެ ފަރާތުން އަދި ރަސްމީ ގޮތެއްގައި ވާހަކަ ދައްކާފައި ނުވެއެވެ.