12 Nov 2018, 18:29
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މިއަދު އެ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެވެ. ސޮއި ކުރެއްވުމަށް ފަހު ނާޒިމް ވަނީ މެމްބާޝިޕް ފޯމް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ގާސިމް އިބްރާހިމާ ހަވާލުކުރައްވާފައެވެ.
ޖޭޕީއަށް ސޮއި ކުރެއްވުމަށް ފަހު، ނާޒިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އޭނާއަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފާކާއި އުފަލެއްކަމަށެވެ.
"އަޅުގަނޑަށް ލިބިފަހުރި މައުލޫމާތަކާއި ލިބިފަ ހުރި ތަޖްރިބާގެ އަލީގައި އިރާދަކުރެއްވިއްޔާ މި ޕާޓީ އަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު އަޅުގަނޑު މަސައްކަތް ކުރާނަން،" މި ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ކާނަލް ނާޒިމް ވިދާޅުވިއެވެ.
"ކުރީގެ ކަންތައް ހިގައިދިޔަ ގޮތާ ހިލާފަށް މި ޕާޓީއަކީ އެހެން ޕާޓީތަކުން މި ޕާޓީގެ ފަހަތުން މަސައްކަތް ކުރާ ގޮތަށް ހެދުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމެއް. އިރާދަކުރެއްވިޔާ މިހާރު މިއޮތް ލީޑާޝިޕާއެކު މި ޕާޓީ އާ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާތަން ފެނުން އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފެނެއް،" ޖޭޕީއާ މެދު އެ ޕާޓީއާ އަލަށް ގުޅުނު ކާނަލް ނާޒިމްގެ ތަސައްވާރާ ބެހޭ ގޮތުން އެނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމް ޖޭޕީ އަށް ސޮއިކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ނާޒިމްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، ކާނަލް ނާޒިމް އަކީ ގައުމަށް ވަރަށް ހިދުމަތްތެރި ބޭފުޅެއް ކަމަށާއި އެ ޕާޓީ އަށް ނާޒިމް ސޮއި ކުރެއްވުމުން އެ ޕާޓީއަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އަދި އެނާގެ އެކި އެކި މަގާމު ތަކުގައި ގައުމަށް ކޮށްދެވި މިނެތް މަސައްކަތް ފާހަގަކޮށް ޝުކުރު އެކަމަށް ގާސިމް ކުރެއްވި އެވެ. އެގޮތުން ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ކުރެއްވި ހިދުމަތްތަކާއި އަދި ރަީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި އެއާޕޯޓް ޖީއެމްއާރު އަތުން ހޯއްދެވުމަށް ނާޒިމް ކުރެއްވި މަސައްކަތް ގާސިމް ފާހަގަ ކުރެއްވި އެވެ.
މިނިވަނެއްގެ ގޮތުގައި ނާޒިމް ބޭސް ފަރުވާއަށް ފަހު މާލެ ވަޑައިގަތީ ރޭގައެވެ. ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ނަޒިމް ގެ މައްޗަށް ވަނީ އިއްވާފައެވެ. ނަމަވެސް ހުކުމް ރިވިއުކޮށް ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައެވެ.