ކޮރަޕްޝަންގެ ނާޖާއިޒު ފައިދާ ނެގުމުގެ އުއްމީދުގައި އެއްވެސް ބޭފުޅަކު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ އެއްވެސް މަގާމަކަށް އައުމަށް އުއްމީދު ނުކުރުމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު މިއަދު ގޮވާލައްވައިފިއެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އާ ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާޖައެއް ނޯންނާނެ ކަަމަށެވެ.

"އެކަން އެގޮތަށް ގެންދިއުމަށް އެންމެން އެކުގައި ތެދުވެ އަތުކުރި އޮޅާލުމަށް ގޮވާލަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮރަޕްޝަންއާ ދެކޮޅަށް އާ ސަރުކާރުން މަސައްކަތް ކުރަައްވާނެ ކަމަށެެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއި ޗައިނާގެ ބޮޑެތި މަޝްރޫއުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަަމަށް އިދިކޮޅު ކޯލިޝަނުން ކުރިންވެސް ދިޔައީ ބުނަމުންނެވެ. އަދި ގެެއްލިފައިވާ ފައިސާ ހޯދުމަށް އެފްބީއައިގެ އެހީ ހޯދާނެކަމުގެ އިޝާރާތެއްވެސް ދާދި ފަހުން އިބޫ ވަނީ ދެއްވައިފައެވެ.

އިބޫ އަންނަ ހޮނިހިރު ދުވަހު ހުވާކުރުމަށް ހަމަޖެހިފައިވާއިރު، އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޯލިޝަން ސަރުކާރުގައި އެއްބަސްވެފައި ވާގޮތުން އާ ސަރުކާރުގެ ކެބިނެޓްގެ މަގާމުތައް އެމްޑީޕީ އަށް 40 ޕަސެންޓާއި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓާއި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް ދިބުމަށް ވަނީ ހަމަޖެހިފައެވެ.