12 Nov 2018, 15:43
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭ ގަޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދﷲ ޚަލީލު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޚަލީލު މިއަދު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އާއި 72 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. 71 ވަނަ މާއްދާ އަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާ އުސޫލެވެ. އަދި 72 ވަނަ މާއްދާ އަކީ މެމްބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ މާއްދާ އެވެ.
ޚަލީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ 71 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ މެންބަރުންގެ އަދަދަކީ 2014 ވަނަ އަހަރު މަޖިލީހުގެ ދާއިރާތައް ބަހައި، ކަނޑައެޅި 85 މެންބަރުން ކަމަށް ބުނާ ގޮތަށް އިސްލާހު ގެނައުމަށް ހުށަހަޅާފަ އެވެ. އަދި އޭނާ ވަނީ 72 ވަނަ މާއްދާގެ (ނ) އުނިކުރަން ހުށަހަޅާފަ އެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ 5،000 މީހަކަށް މެމްބަރެއް، ނުވަތަ 5،000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގަ އެވެ.
މި ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު އާބާދީއަށް އަށް އައިސްފައިވާ ބަދަލާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރުގެ އިންތިހާބަށް ދާއިރާތައް އިތުރު ކުރުމަށް ނިންމާފަ އެވެ. އެގޮތުން މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފައްދަން ނިންމާފައިވާކަން އެ ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ކުރީން ހުޅުހެންވޭރު ދާއިރާގެ ބައެއްގެ ގޮތުގައި އޮތް ހުޅުމާލެ އޮންނާނީ ހުޅުމާލޭ ދާއިރާގެ ނަމުގައެވެ.