ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށާއި ޝައިހު އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ގެއްލުނީ އެ ދެބޭފުޅުންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވުމުންނެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އަލުން ރިވިއުކޮށް އެ ދެ ބެފުޅުންނަކީ ވެސް ޕާޓީގެ ރައީސުން ކަމަށް ވަނީ ގަބޫލު ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެ ދެބޭފުޅުން މިހާރު ތިބީ ޖަލު ބަންދުގައި ނޫން ކަމަށާއި އެހެންވީމާ އެ ދެ ބޭފުޅުންނަކީ ވެސް ޕާޓީގެ ރައީސުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރާ ކަމަށެވެ.

"އެ ދެ ބޭފުޅުން ވެސް ތިބީ ޖަލު ބަންދެއްގައެއް ނޫން. ގާނޫނުގައިވާ ގޮތުން ޖަލު ބަންދުގައި ތިބޭ ފަރާތްތަކަށް ޕާޓީގެ އިސް މަގާމުތައް އަދާ ނުކުރެވެނީ." އަކްރަމް ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުނަށް ގެނައި އިސްލާހާއެކު ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށް ޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަދި ޝައިހް އިމްރާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ވެސް ސުޕްރީމް ކޯޓުން ނެރުނުވެ. އެހެންވެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ މިނިވަންވެފަ އެވެ.