12 Nov 2018, 15:15
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެކިއެކި ކޮންޓެންޓް ހިމަނައިގެން މިރޭ ނެރޭ "ބައިސްކޯފު" އެޕްއާ ދިރާގު ގުޅި، ޕާޓްނާޝިޕެއް އިއުލާނުކޮށްފިއެވެ.
ބައިސްކޯފު އެޕަކީ ރާއްޖޭގައި ނެރޭ މިފަދަ ފުރަތަމަ އެޕެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ދިރާގުގެ މެނޭޖަރ، ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާހިރު ވިދާޅުވީ، ދިރާގަކީ މިފަދަ އާ އީޖާދުތަކަށް އަބަދުވެސް ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ.
"[ދިރާގަކީ] ޒުވާނުންގެ ހަރަކާތްތަކަށް އިސްކަންދޭ ކުންފުންޏެއް. ދިވެހި ޒުވާނުންތަކެއް އެކުލަވާލި މިކަހަލަ އެޕެއް ވުޖޫދަށް އައުމުގައި ދިރާގުގެ ބައިވެރިވުން މުހިންކަމަށް ދެކެން،" ފާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިރާގުން ދެކެނީ ބައިސްކޯފު އެޕަކީ ދިވެހި ފަންނާނުންނަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވާ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިސްކޯފުގެ ސީއީއޯ މުހައްމަދު މިރުސާދު ވިދާޅުވީ ބައިސްކޯފު އެޕް މެދުވެރިކޮށް ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ.
"ސްމާޓް އެޕެއް މިއީ. ސްމާޓް ފޯނުތަކަށް އީޖާދުކުރި ސްމާޓް އެޕެއް މިއީ. މި އެޕް މެދުވެރިކޮށް ގިނަ ކަންކަން ކުރެވޭނެ. ލަވަ ޖެހޭނެ، އަދި ވީޑިއޯވެސް ބެލޭނެ،" މިރުސާދު ވިދާޅުވިއެވެ.
ސައްތައިން ސައްތަ ދިވެހި ކޮންޓެންޓު އެކަނި، އެއްތަނަކުން ބަލައިލެވޭ ގޮތް މެދުވެރިކޮށްދޭ މި ޕްލެޓްފޯމު ލޯންޗުކުރުމަށް މިރޭ ދަރުބާރުގޭގައި ވަރަށް ކުލަގަދަ އިވެންޓެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
މިރޭ ބައިސްކޯފު ލޯންޗުކުރަނީ ކުޅަދާނަ ފިލްމު ޑިރެކްޓަރު ފާތިމަތު ނަހުލާ ތައްޔާރުކުރި ވެބް ސީރީޒް "ހުވާ"އާވެސް އެކުގައެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ފަންނާނުންތަކެއް ހިމެނޭ ކާސްޓަކާއެކު ނަހުލާ އުފައްދަ "ހުވާ"އަކީ "ބައިސްކޯފު އޮރިޖިނަލް ސީރީޒް"އެކެވެ.
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އަންނަ ބޮޑު އިންގިލާބެއްގެ ފެށުމެއްގެ ގޮތުގައި ބެލެވޭ މި އެޕް ލޯންޗުކުރާ އިވެންޓު، ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކުރާނެއެވެ. ބައިސްކޯފު އެޕްއާ ބެހޭ އިތުރު މައުލޫމާތު، މިރޭގެ އިވެންޓުން އެނގިގެން ދާނެކަމަށް އެ އެޕްގެ ޓީމުން ބުންޏެވެ.
ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން ރާއްޖޭގައި އުފައްދާފައިވާ ލަވަ އަލްބަމްތަކާއި ޓީވީ ޝޯތަކުގެ އިތުރުން މަދަހަވެސް މި އެޕު މެދުވެރިކޮށް ބަލައިލެވޭނެއެވެ.