ކުރީގެ ރައީސް މުހައްމަދު ނަޝިީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މިނިވަން ކުރުމަށް ކޯޓުތަކުގައި އިލްތިމާސް ކުރުމަށް އެދި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފި އެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ގަރާރު މަޖިލީހުން ފާސް ކުރުމަށް 57 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެކެވެ.

ނަޝީދު މިނިވަން ކުރަން އެދި މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ ތިން ކަމެއް ބާތިލު ކުރުމަށެވެ.

  1. ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމާއި،

  2. އެމަނިކުފާނު ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާތީ ކަމަށް ބުނެ ކްރިމިނަލް ކޯޓުން 29 އޯގަސްޓް 2016ގައި ނެރެފައިވާ ހައްޔަރު އަމުރާއި،
  3. 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ރައީސް ނަޝީދު 2015 ފެބްރުއަރީ 22ގައި ހައްޔަރުކުރި ވަގުތުން ފެށިގެން 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމެއް ނެތި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗާށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މައްސަލަ ހިންގައި، ޓެރަރިޒަމްގެ ޝަރީއަތް ހިންގައި އަދި މައްސަލައިގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވައި، 19 ދުވަސް ތެރޭގައި ޝަރީއަތް ނިންމައި ހުކުމް ކުރީ އިޖުރާއީ އަދުލުވެރިކަން ކަށަވަރުކުރުމަކާ ނުލައި ކަމަށެވެ.

ނަޝީދު މިނިވަން ކުރަން މަޖިލީހަށް ގަރާރު ހުށަހެޅި ފަހުން އޭނާގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.