10:00


އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. ޒާކިރު ނައިކް ރޭ ފުރާވަޑައިގެންފި އެވެ.


މިދިޔަ މަހުގެ 25 ން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޑރ.ޒާކިރު ނައިކު ރާއްޖެ ވަޑައިގެން ނަމަވެސް މިދަތުރުފުޅު ލަސްކުރެއްވީ އަނބިކަނބަލުން ފަރުހަތު ނައިކު މޫދަށް އެރިއުޅުއްވަނިކޮށް ދިމާވި ހާދިސާއަކާ ގުޅިގެން އެއްދުވަސް ލަސްކުރުމަށް ޑޮކްޓަރ ލަފާދެއްވާފައިވާތީ އެވެ.


ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓްގައި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޑރ.ޒާކިރު ނައިކު ވިދާޅުވީ މާލޭގެ އާބާދީއަށް ބައްލަވާއިރު އަންނާނެ ކަމަށް އުއްމީދުކުރެއްވި ވަރަށްވުރެ އިތުރަށް އޭނާގެ ދަރުސްތަކަށް މީހުން ހާޒިރުވެފައިވާ ކަމަށާއި އަދި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ޑރ.ޒާކިރު ނައިކުގެ ދަރުސްއެއްގައި ދީން ގަބޫލުނުކުރާ ކަމަށް ބުނި ދިވެހި މީހާ އަލުން އެނބުރި ދީނަށް ރުޖޫޢަވެފައިވާތީ އެކަމާއި އުފާކުރައްވާ ކަމަށާއި އެމީހާއަށް އެކަންދިމާވީ ދީނާއި ޚިލާފް ގިނަފޮތްތަކެއްގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޑރ. ޒާކިރު ނައިކް ވިދާޅުވި އެވެ.


ދީނީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ކަންތައްތައް ހައްލުކުރުމަށް ދިވެހިން ވީހާވެސް ގިނައިން ކީރިތި ޤުރްއާނުގެ ރަނގަޅު މާނަ ހުންނަ ތަރުޖަމާ ގިނަގިނައިން ކިއުމަށާއި، ކައުއިތުރު ރަސޫލާގެ ސައްހަ ހަދީޘްފުޅުތައް ކިޔައި އެއާ އެއް ގޮތަށް ޢަމަލު ކުރުމަށް ޑރ.ޒާކިރު ނާއިކު އެދިވަޑައިގެންނެވި އެވެ. އަދި އެހެން ޢަމަލުކުރާނަމަ މީހަކު ބުނާ ބަހަކުން ނުވަތަ ފެންނަ ސައްހަނޫން ލިޔުމަކުން އޮޅުން އަރުވާ ނުލެވޭނެ ކަމަށް ވެސް ޑރ.ޒާކިރު ނައިކު ވިދާޅުވި އެވެ.


ރާއްޖެއަކީ ކީރިތި ޤްރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ސައްތައިން ސައްތަ ތަބާވާ ގައުމެއްކަން މުޅި ދުނިޔެއަށް ދައްކައިދިނުމަށް ވެސް ދިވެހިންގެ ކިބައިން ޑރ.ޒާކިރު ނައިކް އެދިވަޑައިގެންނެވި އެވެ.
ޑރ. ޒާކިރު ނައިކް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ޢާއްމުކޮށް އެންމެންނަށް ހުޅުވާލެވިގެން ސްޓޭޑިއަމް ގައި ވަނީ ޢާންމު ދެ ދަރުސެއް ދެއްވާފައެވެ. މިދެ ދަރުސަށް މީގެކުރިން ދީނީ ދަރުސަކަށް މީހުން ހާޒިރުނުވާ ވަރަށް ހާޒިރުވެފައިވެ އެވެ. ފުރަތަމަ ރޭގެ ދަރުސަށް އެކަނިވެސް ވިހިހާހެއްހާ މީހުން ހާޒިރުވިއިރު ދެވަނަ ދަރުސް އަށް ވަނީ އެގާރަ ހާހެއްހާ މީހުން ހާޒިރުވެފައެވެ. އަދި ޢިލްމުވެރިންނަށް ޚާއްސަ ކުރައްވައިގެން އިސްލާމީ މަރުކަޒުގައި ޑރ.ޒާކިރު ނާއިކް ވަނީ ދަރުސެއް ދެއްވާފައެވެ. އިސްލާމީ މަރުކަޒުގައި ޑޮކްޓަރ ޒާކިރު ނާއިކްގެ އަނބިކަބަލުންނާ ދަރިކަލުންވެސް ވަނީ ދަރުސް ދެއްވާފައެވެ.