12 Nov 2018, 14:30
ކޮލަމްބޯ (ނޮވެމްބަރު 12): ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަކިވެވަޑައިގެންފި އެވެ.
ސިރިސޭނާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އިން ވަކިވުމަށް ފަހު ރާޖަޕަކްސަ ވަނީ އޭނާގެ ކޮއްކޯފުޅު ބާސިލްގެ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަދި އެސްއެލްއެފްޕީ އަށް ނިސްބަތްވާ ކުރީގެ 44 މަޖިލިސް މެމްބަރުން ވެސް ވަނީ އެޕާޓީން ވަކިވެ، އެސްއެލްޕީޕީއާ ގުޅިފަ އެވެ.
އެސްއެލްޕީޕީގެ އޮފިޝަލަކު ވަނީ ކުރިއަށް އޮތް ތަނުގައި އެސްއެލްއެފްޕީއަށް ނިސްބަތްވާ ކުރީގެ 82 މަޖިލިސް މެމްބަރުންގެ ތެރެއިން 65 މެމްބަރުން އެޕާޓީއާ ގުޅޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ މަހު ސިރިސޭނާ ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރެއްވުމަށް ފަހު އެމަގާމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ސިރިސޭނާ ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވާފަ އެވެ.
ދެހާސްފަނަރަ ވަނަ އަހަރު ސިރިސޭނާ ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ އެސްއެލްއެފްޕީން ވަކިވެ، ވިކްރަމަސިންހަގެ ޕާޓީއާ އެކު ކޯލިޝަނެއް ހައްދަވައިގެންނެވެ.
އޭގެ ފަހުން ސިރިސޭނާ ވަނީ އެސްއެލްއެފްޕީއާ އަނެއްކާ ވެސް ގުޅިވަޑައިގެން، އެޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާފަ އެވެ. އަދި އެޕާޓީ އާއި ވިކްރަމަސިންހަގެ ޕާޓީން ވެރިކަން ކުރަމުން އައީ ކޯލިޝަން ސަރުކާރެއްގެ ގޮތުގަ އެވެ.