12 Nov 2018, 11:31
ކުރީގެ ޑިފެންސް މިނިސްޓަރު ޖަލަށްލުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ހިމެނޭ ކަމަށާއި އެހެން ކަމުން އެމަނިކުފާނު އެ މައްސަލާގައި ޖަވާބުދާރީ ކުރުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމުންނެވެ. އެ ހުކުމް ރިވިއުކޮށް ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ އިރު ނާޒިމް ވަނީީ ރޭ ރާއްޖެ ވަޑައިގެންފަ އެވެ.
ރާއްޖެ ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާ އަނިޔާ ތަހައްމަލު ކުރަން ޖެހުނު ކަމަށާއި އެ އަނިޔާ ތަހައްމަލު ކުރަން ޖެހުނީ ނާއިންސާފުގެ ސަބަބުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެފަދަ ކަންތައްތައް ތަކުރާރު ނުވާނީ، އެފަދަ އަނިޔާދޭ ފަރާތްތައް އަދި އެކަމުގެ ބައިވެރިންނަށް ހައްގު އަދަބު ދީގެން ކަމަށެވެ. އެގޮތުން ނާޒިމް ވަނީ ރައީސް ޔާމީނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އެކަމުގައި ބައިވެރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދަލުވާ ދުވަހަކުން އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
"އިންތިޚާބީ ރައީސްއާ ބައްދަލުވާއިރަށް އަޅުގަނޑު ދަންނަވާނަން، މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް. އަޅުގަނޑު ދެކެނީ މިއީ، ފުލުހުންގެ އޭރުގެ ކޮމިޝަނަރު ހުސައިން ވަހީދާއި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހިންގާފައިވާ ވަރަށް ނުލަފާ ޖަރީމާއެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ރޭ ނާޒިމް އިތުރަށް ވިދާޅުވީ، ތިން އަހަރާއި ނުވަ މަސްފަހުން މިނިވަންކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިޔުމަށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ގިނަ ދުވަސްތަކެއްގައި އަނިޔާ ތަހައްމަލް ކުރުމަށް ފަހު މިއަދު މިނިވަންކަމުގެ އިހުސާސް އެބަ ކުރެވޭ. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެކޭ އަޅުގަނޑު ދަންނަވާނީ،" ނާޒިމް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ބޮޑު ގުރުބާނީއަކާ އެކު ގެނެވުނު ބަދަލެއް ކަމަށާއި މި ސަރުކާރު ފަސް އަހަރުގެ މުއްދަތަށް ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މާލެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އާއިލާގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި މައުމޫން ރިފޯމް މޫމަންޓުގެ ފަރާތުންނެވެ. ނާޒިމް އަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ފަރާތުން ބައިވެރިއެއް ނުވެ އެވެ.