12 Nov 2018, 12:01
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
މިމަހުގެ 15 އަދި 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބޭންކިން ކޮންފަރެންސަކީ 35 ވަނަ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ކޮންފަރެންސެވެ. މި ކޮންފަރެންސް އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.
މިއީ އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯއިންނާއި އިސްވެރިން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި 25 ގައުމެއްގެ 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ބޭންކިންގް އިން އޭޝިއާ: ދަ ނެކްސްޓް ފްރަންޓިއާ"އެވެ. މި ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް މަޝްވަރާކުރާނެއެވެ.
އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާގެ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރާނެއެވެ.