12 Nov 2018, 11:11
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ އިމާރާތެއް ހުޅުވައިފިއެވެ.
އެ ކުންފުނީގެ މައި އިމާރާތް، ފެން ބިލްޑިންއާ އިންވެގެން ހުންނަ "ކަސްޓަމާ ސާވިސް ބިލްޑިންގް" ހުޅުއްވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދެވެ.
އިމާރާތް ހުޅުއްވާ ދެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ހުޅުވިގެން ދިޔަ އާ އިމާރާތާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ، ކުރިން އަޅުގަނޑުމެންނަށް ހިދުމަތް ދެމުން މި އައީ ފެން ބިލްޑިންގައި، ނޫނީ ކޮންމެވެސް ފަންގިފިލާއެއްގެ މަތީގައި. މިއަށް ނިމުމެއް ގެނެސް ދެން އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވި ލުއި ފަސޭހަ ގޮތެއްގައި ކަސްޓަމަރުނާ ގާތުން ހިދުމަތް ދެވޭނެ،" ފަޒުލް ވިދާޅުވިއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް މީޑިއާ އަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް
ފަޒުލް ވިދާޅުވީ، މި އިމާރާތުގެ ބައެއް ފަންގިފިލާތައް ޓްރެއިނިން އިންސްޓިއުޓަކަށް ހާއްސަ ކުރެވިފައިވާ ކަމަށާއި މުސްތަގުބަލުގައި އެ އިމާރާތުގައި ޓްރެއިނިންގް އިންސްޓިޓިއުޓެއް ގާއިމުވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގޮތުން ޓްރެއިނިންގް އިންސްޓިޓިއުޓުގެ މަގުސަދަކީ ފެނާ ނަރުދަމާގެ މަސައްކަތްތަކުގެ މައުލޫމާތާއި ތަމްރީނު އަދި އެކަމާ ގުޅޭ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޓްރެއިނިންގް އިސްޓިޓިއުޓާއެކު އެ އިމާރާތުގައި އޮޑިޓޯރިއަމެއް ވެސް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ކުންފުނީ ގެ އެމްޑީ "ކަސްޓަމާ ސާވިސް" އިމާރާތް ބައްލަވާލައްވަނީ، މި އިމާރަތުގެ ދެ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ކަސްޓަމަރުންގެ ހިދުމަތްތަކަށް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
މިއަދު ހުޅުވިގެން ދިޔައީ ފެން ކުންފުނީގެ ކަސްޓަމާ ސާވިސް އިމާރާތުގެ ދެ ފަންގިފިލާއެވެ. ދެ ފަންގިފިލާވެސް ހާއްސަ ކުރެވިފައިވަނީ ކަސްޓަމަރުންގެ ހިދުމަތްތަކަށެވެ. ގްރައުންޑް ފްލޯ ބޭނުން ކުރަނީ ކަސްޓަމަރުންގެ ފެން ބިލަށް ފައިސާ ބަލައިގަތުމަށް، އަދި ފުރަތަމަ ފަންގިފިލާ ބޭނުން ކުރަނީ އެ ކުންފުނީގެ އެކި އެކި ހިދުމަތްތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލަގަތުމެވެ.
ފެނާއި ނަރުދަމާގެ އެކިއެކި ހިދުމަތްތަކާއި، ކަސްޓަމަރުންނަށް ހިދުމަތްތަކުގެ މައުލޫމަތު މި އިމާރާތުން ފޯރުކޮށްދޭނެ އެވެ. މީގެ އިތުން އިމާރާތުގައި ތިރީ ފަންގިފިލާގައި ސެލްފް ސަރވިސް ކިއޮސްކް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމަތު ދެއެވެ.
މި އިމާރާތް ފުރިހަމަ ކުރެވޭ އިރު ޖުމްލަ 10 ފަންގިފިލާއަށް ހެދުމަށް ވަނީ ޕްލޭން ކުރެވިފައެވެ.