26 Sep 2011, 18:28
ސިވިލް ސާވަންޓުންގެ މުސާރަ އިއާދަނުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ 20000ރ. ދޫނުކުރެވޭ ގޮތަށް ފިނޭންސް މިނިސްޓަރީގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފި އެވެ. މި އަމުރު ސިވިލް ކޯޓުން ނެރުނީ އެލަވަންސް މައްސަލައިގައި ދައުވާ ކުރާ ސ. މަރަދޫ، ޕެންޒީމާގޭ، މާހު ޖަބީނަށް އީއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އޭނާ ކުރާ ދައުވާއަށް ޝަރީއަތުން ގޮތެއް ނިމެންދެން ކަމަށް މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެ އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނަނީ "ދައުވާ ކުރާ ފަރާތުން ދައުވާ ކޮށްފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ތަފާތު ނުކުރުމުގެ ހައްގާއި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގާއި ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގުގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ހިނދު، ދައުވާ ކުރާ ފަރާތުގެ އެ ހައްގުތަކާމެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މި ދައުވާގެ މަގުސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވުމަކީ މި މައްސަލައިގެ ދައުވާ ކުރާ ފަރާތުގެ ހައްގަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ކަމުގައި ޝަރީއަތަށް ގަބޫލުކުރެވޭތީ އެ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ދައުވާގެ މަގުސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް އަމުރުކޮށްފީމެވެ."
މާހުގެ ޖަބީންގެ ވަކީލު ކޯޓުގައި ވިދާޅުވެފައިވަނީ ބޮޑުކުރި މުސާރަ ސިވިލް ސާވަންޓުންނަށް ނުދީ މަޖިލީހުގެ މެންބަރުންނަށް އެލަވަންސް ފައިސާ ދޫކުރުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން މާހު ޖަބީނަށް ލިބިދޭ، ހަމަހަމަކަމާއި މަންފާގެ ހައްގާއި ގާނޫނު އަސާސީން ލިބިދޭ އަދުލު ވެރިކަމާ އެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ ފުރިހަމަ މުސާރަ ނުދީ މެންބަރުންނަށް އެލަވަންސް ދޫކުރުމަކީ ގާނޫނު އަސާސީން ޖަބީނަށް ލިބިދޭ ތަފާތު ނުކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފެނިއްޖެ ގޮތަކަށް މެންބަރުންނަށް 20000ރ. ކޮމެޓީ އެލަވަންސްގެ ގޮތުގައި ދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދައުލަތުގެ މުސާރަ އޮނިގަނޑު މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ. އޭރު އެކަމާ ގިނަ ބަޔަކު ދެކޮޅު ހެދުމުން މަޖިލިސް ޗުއްޓީއަށް ދިޔައީ އެކަމާ މެދު ގޮތެއް ނުނިންމަ އެވެ. ނަމަވެސް، އެންމެފަހުން، މާލިއްޔަތު ކޮމިޓީން އެލެވަންސް ދޭން ނިންމީ މިދިޔަ އޯގަސްޓް މަހުގެ ތެރޭ އަނެއްކާވެސް މަޖިލިސް ޗުއްޓީއަށް ދާން ކުޑަތަންވެފައިވަނިކޮށެވެ. އެގޮތުން ކޮންމެ މަހަކު 20،000ރ.ގެ އެލަވަންސް ދިނުމުގެ އިތުރުން ފާއިތުވި ހަތް މަސް ދުވަހުގެ އެލަވަންސްގެ ގޮތުގައި ގަނޑުކޮށް ކޮންމެ މެމްބަރަކަށް 140،0000ރ. ދިނުމަށް ވެސް ނިންމާފައިވެ އެވެ.