12 Nov 2018, 11:43
ބްރިސްބޭން (ނޮވެމްބަރު 12): އޮސްޓްރޭލިއާގައި ސްޓްރޯބެރީތަކަށް ތިނޯސް ހަރައި ވިއްކި މައްސަލާގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ފުލުހުން ބުނި ގޮތުގައި 50 އަހަރުގެ އެއަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ވަރަށް ފުޅާ ތަހުގީގަކަށް ފަހުގަ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ކާނާ ތަޣައްޔަރު ކުރުމުގެ ހަތް ދައުވާއެއް އުފުލައިފަ އެވެ. އަދި އޭގެ ސަބަބުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.
އޮސްޓްރޭލިއާގައި އެންމެ ފުރަތަމަ އެ މައްސަލަ ފެންމަތިވީ ކުއީންސްލޭންޑުގެ މީހަކު، ސްޓްރޯބެރީ ކެއުމަށް ފަހު ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ދިޔުމުންނެވެ. އަދި އޭނާގެ ހަށިގަނޑުން ތިނޯހެއްގެ ބައިތައް ފެނުމުންނެވެ.
އެ ހާދިސާއާ ގުޅިގެން މުޅި ގައުމަށް އެލާޓެއް ނެރުނެވެ. އަދި ސްޓްރޯބެރީތައް ވިއްކުން ހުއްޓާލައި، ދަނޑުވެރިންނަށް ބޮޑެތި ގެއްލުން ލިބުނެވެ.
ކުއީންސްލޭންޑުގައި ސްޓްރޯބެރީ ވިޔަފާރިއަކީ 115 މިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އަދި އެ ހާދިސާއާ ގުޅިގެން އެސްޓޭޓުގެ ސަރުކާރުން ވަނީ ގެއްލުން ލިބުނު ދަނޑުވެރިންނަށް އެހީވުމަށް އެއް މިލިއަން އޮސްޓްރޭލިއާ ޑޮލަރު (721،654 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.