12 Nov 2018, 09:50
އަންކާރާ (ނޮވެމްބަރު 12): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލީ ހަތް މިނިޓު ތެރޭ ކަމަށް ތުރުކީގެ ނޫސްވެރިޔަކު ބުނެފި އެވެ.
ޑެއިލީ ސަބާހު ނޫހުގެ ހެޑް އޮފް އިންވެސްޓިގޭޝަންސް، ނާޒިފް ކަރަމަން ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލާފައި ވަނީ އޭނާގެ ބޮލުގައި ޕްލާސްޓިކް ކޮތަޅެއް އަޅައި، ނޭވާ ހާސްކޮށްގެންނެވެ.
އަދި އެހާދިސާގެ އޯޑިއޯ ރެކޯޑިންއިން އެނގޭ ގޮތުގައި، ހާޝުގްޖީގެ އެންމެ ފަހު ބަހަކަށްވީ އޭނާގެ "ނޭވާ ހާސްވާ ކަމަށާއި، ބޮލުގައި އަޅާފައިވާ ކޮތަޅު ނެގުމަށް" ކަމަށްވެ އެވެ.
މީގެ އިތުރުން، ކަރަމަން ވަނީ ހާޝުގްޖީ މަރާލުމަށް ފަހު ސައުދީން ވަނީ އޭނާގެ ހަށިގަނޑު ކޮށާލާފައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރުމުގެ ކުރިން ބިންމަތީ ފްލާސްޓިކް ކޮތަޅުތައް އެޅި ކަމަށާއި އެކަމަށް 15 މިނިޓު ނެގި ކަމަށް ވިދާޅުވެފަ އެވެ.
އެމަސައްކަތުގައި އިސްކޮށް ހުރީ ސައުދީ ސައިންޓިފިކް ކައުންސިލް އޮފް ފޮރެންސިކްސްގައި އިސްކޮށް ހުންނަ ސަލާހް އަލް ތުބައިޖީ ކަމަށް ކަރަމަން ތުހުމަތު ކުރެއްވި އެވެ.
މީގެ ކުރިން، ތުރުކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ހާޝުގްޖީގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދާދި ފަހުން ތުރުކީގެ އޮފިޝަލުންނަށް ވަނީ ސައުދީ ކޮންސުލް ޖެނެރަލް މުހައްމަދު އަލް އުތައިބީގެ ގެއިން އެސިޑު ފެނިފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސައުދީ އަރަބިއާއިން ވަނީ އެމައްސަލައިގައި 18 މީހަކު ހައްޔަރުކޮށް، ސަރުކާރުގެ ފަސް އޮފިޝަލަކު މަގާމުން ދުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ތުރުކީން ދަނީ އެމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ޝަރީއަތް އެގައުމުގައި ކުރިއަށް ގެންދިޔުމަށް ގޮވާލާފަ އެވެ. ނަމަވެސް ސައުދީން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.