ޗައިނާގައި ބޭއްވި 27 ވަނަ ގޯލްޑަން ރޫސްޓާ އެންޑް ހަންޑްރެޑް ފްލާވާޒް ފިލްމު ފެސްޓިވަލުގެ އެންމެ މޮޅު ބިދޭސީ އެކްޓަރުގެ އެވޯޑު ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން ހޯދައިފިއެވެ.

އަޖޭއަށް އެވޯޑު ލިބުނީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ރެއިޑް' އިންނެވެ. އެއީ ބެލުންތެރިންގެ ވޯޓުން ދޭ އެވޯޑެކެވެ. އަޖޭ، އިލިއާނާ ޑިކްރޫޒް އަދި ސޯރަބް ޝުކްލާ މުހިންމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމަށް ވެސް ފެސްޓިވަލުގައި ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ގޯލްޑަން ރޫސްޓާ އެންޑް ހަންޑްރެޑް ފްލާވާޒް ފިލްމު ފެސްޓިވަލް އަކީ ޗައިނާގެ ފިލްމު އެސޯސިއޭޝަން އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. އެ ފެސްޓިވަލު އިންތިޒާމު ކުރަނީ އިންޑިއާ-ޗައިނާ ފިލްމު ސޮސައިޓީ އިން ދެ ގައުމުގެ ސަގާފަތާއި ހުނަރު ކުރިއަރުވައި ތަރައްގީ ކުރުމުގެ މަގުސަދުގައެވެ.

އިންޑިއާގެ އެކްޓަރަކަށް އެވޯޑު ލިބުމުން އިންޑިއާ-ޗައިނާ ފިލްމު ސޮސައިޓީގެ ފައުންޑާ އަދި ޓީސީރީޒްގެ ޗެއާމަން، ބުޝަން ކުމާރު ވަނީ އުފާވެރިކަން ފާޅުކޮށްފައެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް 'ރެއިޑް' އަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، އަޖޭއަށް އެވޯޑު ލިބުމުން އޭނާގެ ހުނަރިވެރިކަމާއި ގާބިލުކަން އިތުރަށް ސާބިތުވެގެން ގޮސްފި ކަމަށެވެ.

އަދި 'ރެއިޑް'ގެ ސަބަބުން އޮށްޓަރު ހުރި ތަފާތު މޮޅު ފިލްމުތަކެއް އުފައްދަން ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

މި އަހަރު މާޗު މަހު ރިލީޒް ކުރި ރެއިޑް އަށް ބޮކްސްއޮފފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔައެވެ.