12 Nov 2018, 10:04
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ސަން އަށް ވިދާޅުވީ މާދަމާ ބަޖެޓް ހުށަހަޅުއްވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށްފައި ވަނީ 29.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތް ގޮތަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށް ފިނޭންސް އިން ބުނެ އެވެ.
ބަޖެޓްގައި ހިމަނާފައި ވާނީ އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހުރި ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ބަޖެޓުގެ ޖުމްލަ އަދަދަކީ 27.9 ބިލިއަން ރުފިޔާ އެވެ.
މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.