މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އިނގިރޭސި ތަރި ވޭން ރޫނީ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމުގައި ކޯޗު ސާ އެލެކްސް ފާގަސަން ބުނެފިއެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީ އިން މެންޗެސްޓާ ޔުނައިޓެޑް ހިފެހެއްޓި މެޗުން އެޓީމުގެ ފޯވާޑް ލައިނުގައި އެންމެ އިސް ދައުރެއް އަދާކުރާ ރޫނީ ނުފެނުމުން ބޮޑު ހައިރާން ކަމެއް އުފެދިގެން ދިޔައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންސް ލީގުގައި މާދަމާރޭ އެފްސީ ބާސެލް އާއި ދެކޮޅަށް ކުޅޭ މެޗަށް ރެސްޓު ކުރުމަށް ރޫނީ ބެހެއްޓީ ކަމަށެވެ. ނަމަވެސް ހަގީގަތަކަށް މިވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ފަރިތަކުރުމުގައި ރޫނީގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހުނު ކަމެވެ.
"ރޫނީ އަށް ލިބުނު އަނިޔާ މާ ސީރިއަސް އެއް ނޫން. ހަފުތާއަކަށް ނޫނީ ދެހަފުތާއަށް ވެސް ރޫނީއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ. ރޫނީ އަށް މި އަނިޔާއާއި ކުރި މަތިލާން ޖެހުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ފަރިތަކުރުމުގެ ތެރޭގައި ފައިގެ މަސްގަނޑަކަށް ލިބުނު އަނިޔާއަކާއި ގުޅިގެން." މެންޔުނައިޓެޑުގެ ކޯޗު ފާގަސަން ބުންޏެވެ.

ރޫނީ ގެ އިތުރުން މެންޔުނައިޓެޑްގެ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އަށް ވެސް ވަނީ އަނިޔާވެފައެވެ. ސްޓޯކް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުގެ ދިހަ މިނެޓް ނުވަނީސް ހެނާންޑޭޒް އަށް އަނިޔާވެފައި ވެއެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގު މެޗުގައި މެންޔުނައިޓެޑުގެ ފޯވާޑް ލައިނުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ ހެނާންޑޭޒް އާއި ރޫނީ އަށް ނުކުޅެވުމުގެ ބިރު އެޓީމަށް ވަނީ ހީވެފައެވެ. ޗެމްޕިއަންސް ލީގުގައި މާދަމާރޭ އެފްސީ ބާސެލް އާއި ދެކޮޅަށް މެންޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 11:45 ގައެވެ.