12 Nov 2018, 09:34
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށް ސުޕްރީމު ކޯޓުން ވަނީ ނާޒިމްގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.
ނާޒިމް މާލެ ވަޑައިގަތުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
މިނިވަނެއްގެ ގޮތުގައި ރޭ ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ބޮޑު ގުރުބާނީއަކާ އެކު ގެނެވުނު ބަދަލެއް ކަމަށާއި މި ސަރުކާރު ފަސް އަހަރުގެ މުއްދަތަށް ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނާޒިމް މާލެ ވަޑައިގަތުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ނާޒިމް މާލެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އާއިލާގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި މައުމޫން ރިފޯމް މޫމަންޓުގެ ފަރާތުންނެވެ. ނާޒިމް އަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ފަރާތުން ބައިވެރިއެއް ނުވެ އެވެ.