ލެޖެންޑަރީ ދެ އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަން އަދި އާމިރު ޚާން އެއްކޮށް ހަރަކާތްތެރިވާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ލީކުވެއްޖެ އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ޔާޝްރާޖް ފިލްމްސް އިން 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމު ލީކުކޮށްލާފައި ވަނީ ޓަމިލް ރޮކާޒް ވެބްސައިޓުންނެވެ.

ފިލްމު ރިލީޒްކުރިތާ ހަތަރު ދުވަސްވީއިރު އެ ފިލްމަށް ކްރިޓީކުންނާއި ބެލުންތެރިންގެ ފާޑުކިޔުންތައް ދިޔައީ އަމާޒުވަމުންނެވެ.

ފިލްމު ދައުރުވިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ފިލްމު ބެލުމަށް ފަހު ކުރި ޓްވީޓެއްގައި ބުނީ ބޮޑު ބަޖެޓަކުން ފިލްމު އުފެއްދި ނަމަވެސް ފިލްމު ކަމުނުދާ ކަމަށެވެ. އޭނާ ބުނީ ބޮޑު ބަޖަޓެއް ބޭކާރު ގޮތުގައި ފެނަށް ދުއްވައިލި ފިލްމަކަށް މި ފިލްމުވެގެންދާނެ ކަމަށެވެ.

"ސްކްރީންޕްލޭ ވެސް ވަރަށް ކަމުނުދޭ. ފިލްމު ފެށުނީ ޝައުގުވެރިކޮށް. އެކަމަކު ނިމުނީ މާޔޫސްކޮށްލުމަށް ފަހު. އޮއްޓަރެއް ނެތް ފިލްމެއް. ވިދާހާ އެއްޗަކީ ރަނެއް ނޫން،"

އެ ފިލްމުގައި އަންހެންގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.