ހުޅުމާލޭގައި ދިރިއުޅޭ، ގއ. މާމެންދުއަށް ނިސްބަތްވާ އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ ހުޅުމާލޭގައި އަންހެން ކުއްޖަކު ގެއްލިގެން އެކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކުއްޖާގެ އާއިލާއިން "ސަން" އަށް މައުލުމާތު ދެމުން ބުނީ އެ ކުއްޖާ ގެއްލިގެން ހޯދަން ފަށާފައި ވަނީ ރޭ 20:00 އިން ފެށިގެން ކަމަށެވެ.

އާއިލާއިން ބުނީ އެ ކުއްޖާ ހުޅުމާލޭގައި ދިރިއުޅެނީ ކުއްޖާގެ ބޮޑުދައިތައާ އެކު ކަމަށެވެ. އަދި ހުޅުމާލެއަށް ބަދަލުވީ ކިޔެވުމަށް ކަމަށް ބުންޏެވެ. ކުއްޖާގެ މައިންބަފައިން ދިރިއުޅެމުން ދަނީ ރަށުގަ އެވެ.

ގެއްލުނު އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފަ އެވެ. އެގޮތުން އެ ކުއްޖާގެ ފޮޓޯއެއް ހިމެނޭ ޕޯސްޓެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރުކުރަމުންނެވެ.