އދ. މަޖިލިސް (ސެޕްޓެމްބަރ 26) : ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ޤައުމުގެ ތެރޭން 9 ޤައުމު ތާއީދުކުރާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ނިޔުޔޯރކްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ޒާތީ އިދާރާގެ މަސްއޫލުވެރިއެެއް ކަމަށްވާ ނަބީލް ޝަޢްތު ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ޤައުމުގެ ތެރޭން 9 ޤައުމު ތާއީދުކުރާ ކަމަށާ އެހެންކަމުން އެމެރިކާ ވީޓޯ ނުކޮށްފިނަމަ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ މައްސަލަ ސަލާމަތީ މަޖިލީހުން ފާސްވާނެކަމުގައެވެ.

ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމާ ދެކޮޅުހެދުމަށް އެދި ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް އެމެރިކާ ކުރިމަތިކުރި ފިއްތުންތަކަށް އެމަޖިލީހުގެ ގިނަ މެންބަރުން ދީލާލާފައިނުވާ ކަމަށްވެސް ނަބީލް ޝަޢްތު ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮންޤައުމުތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ.

މި މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުން ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖީ.އެމް.ޓީ.ން މިރޭ އިރާކޮޅު 7 ޖަހާއިރުއެވެ. އެމެރިކާވަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ކުރިން ދީފައެވެ. (އަލްޖަޒީރާ)