ޗައިނާއިން ރާއްޖެ އަޅުވެތި ކުރަން އުޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ޗައިނާގެ އެމްބަސީން ބުނެފި އެވެ.

ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދު، ޗައިނާ ސިފަ ކުރެއްވީ އިންޑިއާ ކަނޑުގައި އަރަމުން އަންނަ އިސްތިއުމާރީ ބާރެއްގެ ގޮތުގަ އެވެ. އަދި ރާއްޖެ ޗައިނާގެ ބޭންކުތަކަށް ގާތްގަނޑަކަށް 3.2 ބިލިއަން ޑޮލަރަށް ދަރާފައިވާ ކަމަށާއި އެގައުމުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އަޅުވެތި ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ކުރައްވަމުން ގެންދަވަނީ ނުބައި މައުލޫމާތުތަކެއް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެއެމްއޭގެ ވެބްސައިޓުން ރާއްޖެ ދަރާފައިވާ އަދަދަކީ 1.2 ބިލިއަން ޑޮލަރު ކަމަށް ބުނެފައިވާ އިރު އޭގެ ތެރެއިން 600 މިލިއަނަކީ ޗައިނާއަށް ދަރާފައިވާ އަދަދު ކަމަށެވެ. އޮފިޝަލު ވިދާޅުވީ އެ ފައިސާ އަކީ، ބްރިޖު އެޅުމަށާއި އެއާޕޯޓް ތަރައްގީ ކުރުމަށާއި ބައެއް ހައުސިން ޕްރޮޖެކްޓުތަކަށް ސޮވެރިން ގެރެންޓީ ދީގެން ދިން ފައިސާ ކަމަށެވެ.

އަދި އޭގެ އިތުރުން ވެސް ޖުމްލަ ގާތްގަނޑަކަށް 900 މިލިއަނަށް އަރާ ވަރަށް ޗައިނާއިން، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކޮމާޝަލް ލޯނުތައް ދޫކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް، އަދި އެ ލޯނުތައް ދޫ ނުކުރާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެ ލޯނުތައް ބޭނުންކޮށްގެން އާންމުދަނީ ނެރެ، ލޯނު އަނބުރާ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަރުކަޒީ ބޭންކް އެއެމްއޭގައި ވެސް ހުންނާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި ރާއްޖެ ދަރަނީގެ ތެރެއަށް ވެއްޓިގެން ޗައިނާއަށް ވާނީ ކޮން ފައިދާތާއެއްތޯ ސުވާލު ކުރި އެވެ.

އޭނާ ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ބައްދަލު ކުރެއްވި ދުވަހު ވެސް އެކަމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ވާހަކަފުޅު ދެއްކެވި ކަމަށެވެ.