11 Nov 2018, 18:47
މީގެ 20 އަހަރު ކުރިން ށ. ކޮމަންޑޫ ސްކޫލުގައި ވަޅުލި ކެޕްސޫލެއް ނަގައިފިއެވެ.
އެ ސްކޫލްގެ މުސްކުޅި ދަރިވަރުން ހިމެނޭ ގޮތަށް ކެޕްސޫލު ނެގުމަށްޓަކައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ކޮމަންޑޫ ސްކޫލުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތު ފޭސްބުކް މެދުވެރިކޮށް ވަނީ ލައިވްކޮށް ގެނެސްދީފައެވެ.
މިއީ 1998 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ސްކޫލުގައި ވަޅުލި ކެޕްސޫލެކެވެ. މިއީ ވިހި އަހަރު ފަހުން އެ ސްކޫލު އޮންނާނެގޮތުގެ ތަސައްވަރާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކެއް ހިމަނައިގެން ވަޅުލާފައިވާ ކެޕްސޫލްތަކެކެވެ. އެއީ އެސްލޯން ހައި ޕްރެޝަރު ހޮޅި ބޭނުންކޮށްގެން ހަދައިފައިވާ ކެޕްސޫލެކެވެ.
Sh. Atoll Education Centre
capsule negumuge rasmiyyaathu
އެ ސްކޫލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ކެޕްސޫލުގައި ހުރި ލިޔުންތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ ލިޔުންތައް ސްކޭން ކުރުމަށްފަހު އޭގެ އަސްލު ވެރިފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކޮމަންޑޫ ސްކޫލުން ބުންޏެވެ.

ކެޕްސޫލުގައި ހުރި ލިޔުންތައް---ފޮޓޯ: ކޮމަންޑޫ ސްކޫލް
" އެ ލިޔުންތަކުގައި ހުރި ބައެއް ވާހަކަތައް ވަނީ ހަގީގަތަކަށް ވެފައި. އޭގެ ތެރޭގައި ސްކޫލުގައި ބޮޑު ހޯލެއް އަޅައި ދެ ބުރި އިމާރާތެއް ހަދާނެކަމަށް އޮތް ވާހަކަ ވަނީ ހަގީގަތަަކަށް ވެފައި،" އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސްކޫލުތަކުގައި އެކި މުނާސަބަތުތަކާ ގުޅިގެން ކެޕްސޫލްތައް ވަޅުލައި ހަދައިފައިވެއެވެ.