ދައުލަތެއްގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ އަތުގައި ބާރު ދެމިއޮތުން ކަށަވަރުކޮށްދެއްވަން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ހާއްސަ ބަޔާނުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމުހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި އެ ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށާއި އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށް އިބޫ ވިދާޅުވި އެވެ.

އެއާ ހިލާފަށް ކަންތައްތައް ވާނަމަ އެކަމުގައި ބަސްބުނެ، އެކަން ބަދަލު ކުރުމަކީވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވެރިކަމަށް އިންތިހާބު ކުރެވޭ މީހުންނަކީ ރައްޔިތުންގެ ނިންމުމަށް ކިޔަމަންވާ މީހުންނަށް ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުމެވެ. ދައުލަތެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއްކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި، ހަނދާންކޮށްދިނުމަކީވެސް އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭނަމެވެ."

އިބޫ ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ ގައުމުގައި ޢަދުލު އިންޞާފު ޤާއިމު ކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަކަށް ބަދަލުވުމަށްފަހު ވެއަތުވެ ދިޔަ 10 ދައުރުގައި މިކަން ކުރެވިފައި ވަނީ ކިހައި މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހައި މިންވަރަކަށްކަން ނިންމަވާނީ ދިވެހި ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.