26 Sep 2011, 16:26
ރިޔާޒް (ސެޕްޓެމްބަރ 26) : ސަޢޫދީ އަންހެނުންނަށް ސިޔާސީ ބައެއް ޙައްޤުތައް ދިނުމަށް އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ނިންމެވުމުން އެމެރިކާ އާއި އިނގިރޭސިވިލާތުން އެކަމަށް މަރްޙަބާ ކިޔައިފި އެވެ. ވައިޓް ހައުސްގެ ފަރާތުން ޓޮމީ ފައިތޫރު ވިދާޅުވީ ބުނީ ޢަބްދުﷲ ރަސްގެފާނުގެ މި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި އެކަމުގެ ސަބަބުން ސަޢޫދީ އަންހެނުންގެ ސިޔާސީ ޙައްޤުތައް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރާ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން ސަޢޫދީ އަންހެނުންގެ ދިރިއުޅުމަށް އަސަރުކުރާ ނިންމުންތައް ނިންމުމުގައި ބައިވެރިވުމުގެ ފުރްސަތު އެމީހުންނަށް ލިބޭނެކަމަށް ވެސް ވައިޓް ހައުސް އިން ބުނެއެވެ.
ސަޢޫދީ ޝޫރާ މަޖިލީހަށާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޙައްޤާއި އިންތިޚާބުތަކުގައި ވޯޓްލުމުގެ ޙައްޤު ސަޢޫދީ އަރަބިޔާގެ އަންހެނުންނަށް ދިނުމަށް ނިންމެވިކަން އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އިޢްލާން ކުރެއްވީ ސަޢޫދީ ޝޫރާ މަޖިލީހުގައި އިއްޔެ ދެއްވި ޚިތާބެއްގަ އެވެ.
ޢަބްދުﷲ ރަސްގެފާނުގެ ނިންމެވުމަށް މަރްޙަބާ ވިދާޅުވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ވިދާޅުވީ މިއީ ސަޢޫދީ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމުގަ އެވެ. ސިޔާސީ، އިޤްތިސާދީ އަދި އިޖްތިމާޢީ ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރްސަތު ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ދިނުމަކީ އނގިރޭސިވިލާތުން އަބަދުވެސް ތާއީދުކޮށް އެކަމަށް އެހީތެރިވާނެ ކަމެއް ކަމަށްވެސް އިނގިރޭސިޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އަންހެނުންނަށް އެއްގަމު ވެހިކަލް ދުއްވުމުގެ ފުރްސަތު ވެސް ނޯންނަ ޤައުމެއް ކަމަށްވާ ސަޢޫދީ އަރަބިޔާއިން އެޤައުމުގެ އަންހެނުންނަށް ސިޔާސީ ބައެއް ޙަޢްޤުތައް ދިނުމަށް ނިންމީ ޢަރަބި ބައެއް ޤައުމުތަކުގެ ވެރިންނަށް އެޤައުމުތަކުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތައް ފަދަ ކަންތައްތަކެއް ސަޢޫދީ ރަސްކަމުގެ ނިޒާމަށް ވެސް ކުރިމަތިވެދާނެ ކަމަށް ބައްލަވައިގެން އެޤައުމުގެ ބައެއް ކަންތައްތައް އިސްލާޙް ކުރުމަށް ޢަބްދުﷲ ރަސްގެފާނު މިފަހަކަށް އައިސް ގެންގުޅުއްވަން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކަމަށް މުރާސިލުން ބުނެ އެވެ.
ސިޔާސީ ބައެއް ފުރްސަތުތައް ސަޢޫދީ އަންހެނުންނަށް ހުޅުވާލި ނަމަވެސް ސަޢޫދީ ޝޫރާ މަޖިލީހަށް ކުރިމަތިލުމުގެ ފުރްސަތު އަންހެނުންނަށް ލިބޭނީ އަދި ދެ އަހަރު ފަހުންނެވެ. ވޯޓު ލުމުގެ ޙައްޤާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރްސަތު ލިބޭނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. (އަލްޖަޒީރާ)