11 Nov 2018, 12:43
ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރާ މިދުވަހު ސިޔާސީ ލީޑަރުންވެސް ގެންދަވަނީ ދުވަހާގުޅޭގޮތުން އެބޭފުޅުންގެ ޝުއޫރުތައް ހާމަކުރައްވަމުންނެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް މައުމޫން އާއި ރައީސް ނަޝީދު އަދި ރައީސް ވަހީދު ވެސް ވަނީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޖުމްހޫރީ ދުވަހާ ގުޅޭ މެސެޖެއް އަދި ނުފެނެއެވެ.
ރައީސް މައުމޫނު އެމަނިކުފާނުގެ ޓްވިޓާގައި ވިދާޅުވެފައިވަނީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މި މުނާސަބާގައި ކުރީގެ ވެރިން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ މަތިން ހަނދާންކުރަން ޖެހޭ ކަމަށެވެ. ގައުމިއްޔަތާއި ހެޔޮވެރިކަމުގެ ސިފަތަކާއެކު ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ނައިބު ރައީސް ފައިސަލް ނަސީމަށް އަދި ދިވެހި ރައްޔިތުންނަށް ފޮނުއްވައިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނު މީގެ ކުރިން ލިޔުއްވާފައިވާ ލިޔުމެއް ކަމަށްވާ "ވެރިޔެއްގެ ނިމުން" މި ލިޔުން ހިމަނުއްވައިފައެވެ. އެ ލިޔުމަކީ ފުރަތަމަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމާ ދިމާކޮށް 2003 ވަނަ އަހަދު ދަންފުޅި މަޖައްލާއަށް އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ނަޝީދުގެ މި ލިޔުން ބިނާކުރައްވާފައިވަނީ ފުރަތަމަ ޖުމްހޫރިއްޔާ ނިމުނު ގޮތުގެ މައްޗަށެވެ.
ނަޝީދު ވިދާޅުވެފައިވަނީ ޖުމްހޫރީ ނިޒާމަކީ އެވޭލާ ރޯމުގެ ނިޒާމެއް ކަމަށާއި އެމެރިކާގެ ދާހިލީ ހަނގުރާމައާއި ފަރަންސޭސި އިންގިލާބުން މި ފަލްސަފާއަށް އިތުރު ކުރިއެރުން ލިބުނު ކަމަށެވެ.
Jumhooree nizam akee eveylaa Rome ge nizameh.America ge dhakhilee haguraama aai Faranseysi inqilabun mi falsafa ah ithuru kurierun libunu.Raajjeyge 2 vana jumhooriyathuge furathama 40 aharu verikan badhaluvee 2 faharah.Miadhakee 3 vana faharah votun verikan badhalvaanjehey dhuvaspic.twitter.com/naCfsERBSd
— Mohamed Nasheed (@MohamedNasheed)November 11, 2018
"ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ 40 އަހަރު ވެރިކަން ބަދަލުވީ ދެ ފަހަރަށް. މިއަދަކީ ތިންވަނަ ފަހަރަށް ވޯޓުން ވެރިކަން ބަދަލުވާންޖެހޭ ދުވަސް،" ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ޓްވިޓާ މެދުވެރިކޮށް ފޮނުއްވައިފައެވެ. ޖުމްހޫރީ ވެރިކަމެއް ގާއިމް ކުރުމަށް ރައީސް މުހައްމަދު އަމީން އާއި އިބްރާހިމް ނާސިރު، މައުމޫނުު، ނަޝީދު އަދި ރައީސް ޔާމީން ކޮށްދެއްވި މަސައްކަތް ބަލައިގަނެ ޝުކުރުވެރިވާންޖެހޭ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރަކީ ކާމިޔާބު ދައުރަކަށް ވާނެ ކަމުގެ އުއްމީދު ކުރައްވާކަމަށް ވަހީދު ވިދާޅުވެފައި ވެއެވެ.
"ޖުމްހޫރިއްޔަތަށް 50 އަހަރު ވުން ފާހަގަކުރާއިރު، އަދިވެސް ވެރިކަމުގެ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ކަންތައް އެބަހުރި،" ކަމަށާއި ހެޔޮވެރިކަމެއް ކުރުމަށް ބަދަލު ކުރަންޖެހޭ ކަންތައް އެބަހުރިކަމަށް ރައީސް ވަހީދު ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ޝުއޫރު ފާޅުކުރެއްވި ސިޔާސީ ލީޑަރުންހެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓުގައި ވަނީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނު މުނާސަބަރުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.