ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްކުރުމަށް އިޒްރޭލުން ހުރަސްއަޅައިފި ނަމަ، ރާއްޖެއާއި އިސްރޭލާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެ ގައުމާއެކު ދައްކާ ވާހަކަތަކަށް ވެސް ވަރަށް ބޮޑު ބުރުލެއް އަރާނެ ކަމަށް ފޮރިން މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ 66 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެއްގައި ނަސީމް ވިދާޅުވީ، ފަލަސްތީނު މައްސަލައަކީ ދިވެހިންނާ ވަރަށް ގާތް މައްސަލައެއް ކަމަށާއި އެކަން "ސަރުކާރުން ދަންނާނެ" ކަމަށެވެ.

"އިޒްރޭލާ އަޅުގަނޑުމެން ވާހަކަ ދެއްކުމަކުންނެއް ފަލަސްތީނު މައްސަލާގައި އަޅުގަނޑުމެންގެ އިހުލާސްތެރިކަމެއް ނެތީއޭ ނުދެންނެވޭނެ. އެއީ އަޅުގަނޑުމެން އިޒްރޭލާ ގުޅުން މިބާއްވަނީ ހަމަ ސީދާ އެންމެ ސަބަބަކަށްޓަކައި. އެއީ ފަލަސްތީނު ]ރައްޔިތުންގެ[ ހައްގުތައް ހޯދައި ދިނުމަށްޓަކައި. އެހެން އެއްވެސް ބޭނުމެއް ނެތް. އިޒްރޭލަކީ އަޅުގަނޑުމެންނަށް އެހީތަކެއް، އެއްވެސް ކަންތަކެއް ވާ ބައެއް ނޫން،" ނަސީމް ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް ނުޖެހޭ އިޒްރޭލާ މާބޮޑު ގުޅުންތަކެއް ބާއްވަން،"

ނަމަވެސް، ފަލަސްތީނު ރައްޔިތުންގެ ވާހަކަތައް އިޒްރޭލާ ހަމައަށް ގެންގޮސްދޭން ޖެހޭ ކަމަށާއި އެ ރޯލް ވަރަށް ރަނގަޅަށް އަދާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ނިމިގެންދިޔަ އދ. ބައްދަލުވުމުގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުން ހުށަހަޅާފައިވާ ހުށަހެޅުމަށް "އިޒްރޭލުގެ ނުފޫޒުން" ހުރަސްއަޅައިފިނަމަ، އިޒްރޭލާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެގައުމާއެކު ދެކެވޭ ވާހަކަތަކަށް ވެސް ވަރަށް ބޮޑު ބުރުލެއް އަރާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ. އިޒްރޭލުގެ ނުފޫޒުން، ފަލަސްތީނުގެ ގައުމެއް އުފެއްދުމަށް ހުރަސްއަޅައިފިކަމަށްވަނީވިއްޔާ އަޅުގަނޑުމެން އިޒްރޭލާ މިދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ. އެއީ އަޅުގަނޑުމެން ދައްކާނެ ]އިތުރު[ ވާހަކައެއް ނެތެއްނުންތޯ އިޒްރޭލާ. އެއީ އަޅުގަނޑުމެން ދައްކާހާވެސް ވާހަކައަކީ ފަލަސްތީނުގެ ވާހަކަ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން އަބަދުވެސް ބާރުއަޅާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކަމަށާއި އެކަން ކުރުމަށް "ޑީއާރްޕީގެ ސިޓީއެއް" ބޭނުން ނުވާ ކަމަށެވެ.

އިޒްރޭލާ ގުޅުވައިގެން ސަރުކާރުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދެނީ އެގައުމާއެކު ރާއްޖެއިން ބާއްވާ ގުޅުންތައް ސާފުކޮށް ފެންނަ ގޮތަށް ނެތުމުން ނުންތޯ ސަން އޮންލައިން އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، "ކިހާވަރަކަށްތޯ ސާފުކޮށްދޭންވީ،" މިފަދައިންނެވެ.

ވިކީލީކްސް އިން ބޭޒާރުކޮށްލި ބައެއް ލިޔެކިޔުންތަކުން ސަރުކާރުގެ އިސްބޭފުޅުން އިޒްރޭލަށް ކުރެއްވި ދަތުރުފުޅާއި އިޒްރޭލު ސަރުކާރުގެ ބޭފުޅުން ރާއްޖެ ކުރެއްވި ދަތުރުފުޅުތަކާއި މޮސާޑާއެކު ޑިފެންސް މިނިސްޓްރީން ހަދަން ބޭނުންވި އެއްބަސްވުމަކީ "ސިއްރު" ގޮތުގައި ހިނގާފައިވާ ކަންތައްތަކެއް ކަން ފާހަގަކުރުމުން ނަސީމް ވިދާޅުވީ، ވިކީލީކްސްގައިވާ އެއްޗެއް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް، އެއީ ދޮގެއް ކަމަކަށް ވިދާޅެއް ނުވި އެވެ.

މޮސާޑުގެ އެއްބަސްވުމާ ގުޅޭ ގޮތުން ވިދާޅުވީ، ވިކީލީކްސްގައި ކޮންމެ އެއްޗެއް ލިޔެފައި އޮތް ކަމުގައިވިޔަސް "ދިވެހިރާއްޖެއިން އެކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ،" ކަމަށެވެ.

އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ސަރުކާރުން އަބަދުވެސް ތާއީދުކުރާނެ ކަމަށް ތަކުރާރުކުރެއްވި އެވެ.

ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އދ. އިން ބަލައިގަތުމަށް އެގައުމުގެ ރައީސް މަހްމޫދު އައްބާސް ވަނީ މިދިޔަ ހުކުރު ދުވަހު ހުށަހަޅުއްވައިފަ އެވެ. އދ.ގައި މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ނުވަތަ މެމްބަރުކަން ލިބޭނީ ސެކިއުރިޓީ ކައުންސިލުން އެކަމަށް ރުހުން ދީފި ނަމަ އެވެ. ނަމަވެސް، އެކަމަށް ހުރަސް އަޅަން އެމެރިކާއިން އޮތީ ތައްޔާރަށެވެ. ދެން އެމައްސަލައާ މެދު ގޮތެއް ނިންމަން ހުށަހަޅަން ޖެހޭނީ އދ.ގެ އާއްމު މަޖިލީހަށެވެ. އާއްމު މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖެއިން ފަލަސްތީނު ކޮޅަށް ވޯޓު ދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ނަމަވެސް، ނަސީމް މިއަދު ވިދާޅުވީ، ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކުން ބަލަނީ އެ މައްސަލާގައި ވީޓޯ ކުރުމުގެ ބަދަލުގައި، ހުރިހާ މެމްބަރު ގައުމުގެ ވޯޓުން މައްސަލަ ބޭރުކޮށްލުމަށް ކަމަށެވެ. އަދި ފަލަސްތީނުން އދ.ގެ އާއްމު މަޖިލީހަށް އެކަން ހުށަހަޅާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިލިޔުމާ ގުޅޭ އޯޑިއޯ

Naseem (mp3)