ކިންޝާސާ (ނޮވެމްބަރު 11): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަނެއްކާ ވެސް އިބޯލާ ފެތުރި، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު 200އަށް ވުރެ އިތުރުވެއްޖެ އެވެ.

ކޮންގޯގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ 291 މީހުންގެ ހަށިގަނޑުން ވަނީ އިބޯލާ ފެނިފައި އެވެ. އަދި އެވައިރަހުގެ ސަބަބުން 201 މީހަކު ވަނީ މަރުވެފައިވެ އެވެ.

ކޮންގޯގެ ނެޝަނަލް ހެލްތް އޮތޯރިޓީން ބުނި ގޮތުގައި އިބޯލާގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ އެގައުމުގެ ބެނީ ކިޔާ ސިޓީއަކުންނެވެ. އަދި އެސިޓީގެ 25،000 މީހުންނަށް ވަނީ މިހާރު އިބޯލާ ވެކްސިން ދީފަ އެވެ.

ނަމަވެސް ކޮންގޯގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ހެލްތު ވޯކަރުންގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު، ބެނީގައި އިބޯލާ ވެކްސިން ދިނުން މެދުކަނޑާލާން ޖެހުނެވެ.

މިއަހަރު ތެރޭ ކޮންގޯގައި އިބޯލާ ފެތުރެން ފެށީ މިދިޔަ ޖުލައި މަހުގަ އެވެ. އެއީ ކޮންގޯ އިން އިބޯލާ ފެނުުނު ދިހަ ވަނަ ފަހަރެވެ. އެ ގައުމުން ފުރަތަމަ ފަހަރަށް ވައިރަސް ފެނުނީ 1976 ވަނަ އަހަރުގަ އެވެ. އަދި އިބޯލާއަށް އެނަން ދިނީ އެގައުމުގައި އޮންނަ އިބޯލާ ކޯރާ ގުޅުވާފައި އެވެ.

އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ އިބޯލާ ވައިރަސް 2014 ވަނަ އަހަރު ހުޅަނގު އެފްރިކާއަށް ފެތުރި، އޭގެ ސަބަބުން ގިނީ، ސިއޭރާ ލިއޯން އަދި ލައިބީރިއާ އިން 11،300 މީހުން މަރުވި އެވެ.

އިބޯލާ ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުންނެވެ. އެ ވައިރަހުގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުން ހިމެނެ އެވެ. އޭގެ ފަހުން ހޮޑުލެވި، ބޭރަށް ހިންގައި، އެތެރެ ހަށިންނާއި ބޭރު ފުށުން ލޭ މަނާ ނުވެ، ލޭ ފައިބާ ގޮތް މެދުވެރިވެ އެވެ.