މީގެ 20 އަހަރު ކުރިން، 1998 ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމު 'ކުޗް ކުޗް ހޯތާ ހޭ' ގެ ސީކުއެލް އެއް ހަދަން އުޅޭކަމަށް ދެކެވެމުން އަންނަ ވާހަކަތައް ކަރަން ދޮގުކޮށްފި އެވެ.

ޝާހުރުކް ޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ މުހިންމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ.

ފިލްމުގެ ސީކުއެލް އެއް ހަދަން އުޅޭކަމަށް ވާހަކަތައް ދެކެވެން ފެށީ ކަރަން އޭނާގެ ޝޯ، ކޮފީ ވިތު ކަރަން ގައި، 'ކުޗް ކުޗް ހޯތާ ހޭ' ގެ ދެވަނަ ބައެއް ހަދާނަމަ އެ ފިލްމުން ފެންނަން ބޭނުންވާ ކާސްޓަކީ ކޮބައިތޯ ސުވާލު ކުރުމުނެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ކަރަން 'ކުޗް ކުޗް ހޯތާ ހޭ 2' އެއް ހަދަން ވިސްނަމުން އަންނަ ކަމަށާއި، އަދި މިހާރު ފިލްމުގެ ވާހަކަ ވެސް ނިމިފައިވާ ކަމަށް ބުނަން ފަށައިފަ އެވެ.

އަދި ފިލްމުން ފެނިގެން ދާނީ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި ޖާންވީ ކަޕޫރު ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އެއަށްފަހު ބައެއް ނޫސްތަކުގައި ވެސް ވަނީ އެ ޚަބަރު ޖަހައިފަ އެވެ. ކަރަން 'ކުޗް ކުޗް ހޯތާ ހޭ' ގެ ދެވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ނޫހަކުން ލިޔުނު ޚަބަރެއް ޓުވީޓުކޮށް ކަރަން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކަރަން މިހާރު ވެސް އަންނަނީ ބޮޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ފިލްމު 'ކަލަންކް' އަދި 'ތަޚްތު' އެވެ. 'ކަލަންކް'ގެ ޝޫޓިން މިހާރު ވެސް ކުރިއަށްދާ އިރު، އެ ފިލްމުން ފެނިގެން ދާނީ އާލިއާ ބަޓް، ވަރުން ދަވާން، ސަންޖޭ ދަތު އަދި މާދުރީ ދިކްޝިޓް އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.

'ތަޚްތު' އަކީ ތާރީޚީ އެކި ހާދިސާތަކުގެ މައްޗަށް އުފައްދާ އެޕިކް އެކެވެ. އެ ފިލްމުގެ ކާސްޓުގެ ތެރޭގައި ހިމެނެނީ ކަރީނާ ކަޕޫރު، ރަންވީރު ސިންގ، އާލިއާ ބަޓް، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރު އެވެ.