11 Nov 2018, 10:06
ވޮޝިންޓަން(ނޮވެމްބަރު 11): އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިހާބުގައި ފްލޮރިޑާގެ ގަވަރުނަރާއި ސެނެޓަރު ހޮވުމަށް ނެގި ވޯޓުތައް އަލުން ގުނަން އަންގައިފި އެވެ.
ފްލޮރިޑާގެ ވޯޓު އަލުން ގުނަން އަމުރު ކުރެއްވީ އެސްޓޭޓުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކެން ޑެޓެޒްނާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެދެ އިންތިހާބުގެ ވޯޓު އަލުން ގުނަން ނިންމީ، ދެ އިންތިހާބުގައިވެސް އެންމެ ކުރީގައި އުޅުއްވާ ދެ ކެނޑިޑޭޓުންނަށް ލިބުނު ވޯޓުގެ ތަފާތު 0.5 ޕަސެންޓަށް ވުރެ ދަށްވާތީ އެވެ. އެހެންކަމުން ވޯޓު އަލުން ގުނަން ގާނޫނުން ލާޒިމު ކުރާތީ އެވެ.
ފްލޮރިޑާގެ ސެނެޓަރު ހޮވުމަށް ބޭއްވި އިންތިހާބުގައި، ޑިމޮކްރެޓިކް ކެންޑިޑޭޓު ބިލް ނެލްސަން އާއި ރިޕަބްލިކަން ކެންޑިޑޭޓު ރިކް ސްކޮޓްއަށް ލިބިލެއްވި ވޯޓުގެ ތަފާތަކީ އެންމެ 0.15 ޕަސެންޓެވެ.
އަދި އެސްޓޭޓުގެ ގަވަރުނަރު ހޮވުމަށް ނެގި ވޯޓުގައި، ޑިމޮކްރެޓިކް ކެންޑިޑޭޓު އެންޑްރޫ ގިލަމް އާއި ރިޕަބްލިކަން ކެންޑިޑޭޓު ރޮން ޑިސަންޓިސްއަށް ލިބިލެއްވި ވޯޓުގެ ތަފާތަކީ 0.41 ޕަސެންޓެވެ.
އެދެ އިންތިހާބުގައިވެސް ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނެވެ.
އޭގެ ސަބަބުން، ރިޕަބްލިކަން ޕާޓީގެ ފަރާތުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޯޓު އަލުން ގުނަނީ ވޯޓު އޮޅުވާލުމުގެ ގޮތުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ސެނެޓަރު ކަމަށް ކުރިމަތިލެއްވި ރިކް ސްކޮޓް ވަނީ އެމައްސަލަ ކޯޓަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.