26 Sep 2011, 15:39
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް 2010 ވަނަ އަހަރު އުފެއްދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ އިސް ބައެއް ބޭފުޅުން ކުންފުންޏަށް ގެއްލުންވާގޮތަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ގެންދަވާ ކަމަށްބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ބަލައިދިނުމަށް ގއ. އަތޮޅު ކައުންސިލަރަކު އޭސީސިއަށް ފޮނުވި ސިޓީގައި ކޫއްޑޫގެ އިސްވެރިންގެ މައްޗަށް މައިގަޑު ދެ ތުހުމަތެއް ކޮށްފައިވެ އެވެ. އެއީ ކުންފުނީގެ އިސްބައެއް ވެރިން މަސްވެރިކަމުގެ އެހެން ވިޔަފާރިތަކުގައި ހިއްސާވާކަމަށާއި ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށް ކޫއްޑޫގެ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކެވެ.
އޭގެ ތެރޭގައި ކުރީގެ ޗެއާމަން އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމާއި މިހާރުގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް އާދަމްގެ މަސްލަހަތު އޮންނަ "ފްރެޝް ފްރޮމް ދަ ސީ" ކިޔާ ކުންފުންޏެއް އޮންނަ ކަމަށާއި އަދި 'އެން ސިސްއޭ' ކިޔާ ޕްރައިވެޓް ކުންފުންޏަކާ ވަރަށް ހާއްސަ ވިޔަފާރި ޕާޓްނަޝިޕް ގުޅުން އޮންނަ ކަމަށް އެ ސިޓީގައިވެ އެވެ.
"... މި ގޮތުން އެންސިސްއޭ ކިއުނު ކުންފުންޏަށް ކޫއްޑޫން ވަރަށް ފަހިކޮށް ވިޔަފާރި މުއާމަލާތްތައް ކޮށްފައިވާކަން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ރެކޯޑުތަކުން ދައްކަ އެވެ." އެ ސިޓީގައިވެ އެވެ.
އަދިވެސް ބުނެފައި ވެއެވެ: "އެ ދެ ކުންފުންޏަށް ކަންނެލި ފޯރުކޮށްދިނުމަށްޓަކައި ކޫއްޑޫން ބޮޑު ކަންނެލި ގަނެގެން އެ ކަމަށް ބޯޓެއް ހާއްސަކޮށްގެން މާލޭ ޖެޓީ އަށް ކަންނެލި ނީލަން ކިޔާކަން ވެސް އެނގިފައިވެ އެވެ،"
އެ ނީލަމުގައި އެންމެ ގިނަ ކަންނެލި ނަގަނީވެސް އެންސިސްއިން ކަމަށް އެ ސިޓީގައިބުނެ އެވެ.
ނިމިގެން ދިޔަ ލޯކަލްކައުންސިލް އިންތިހާބުގެ ތެރޭގައި ވެސް ކޫއްޑޫގެ އެކޮމޮޑޭޝަން އާއި ކޫއްޑޫގެ ބަޖެޓުން ހަރަދުކޮށްގެން ސަރުކާރުގެ އިސްވެރިންނާއި އެ ކުންފުނީގެ ވެރިން ކެމްޕޭން ދަތުރުތައް ކޮށްފައިވާކަމައްވެސް އެ ސިޓީގައިވެ އެވެ.
"... އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހުވަދު އަތޮޅު ދާއިރާގެ ރައީސް ކަމަށް އާދިލް ސަލީމް ކުރިމަތިލައްވައި ކެމްޕޭންކުރެއްވި އިރު ކޫއްޑޫގެ އެކޮމަޑޭޝަން ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެއްވި މައްސަލަ ބަޔަކު ހުށަހަޅައިގެން ކޮންމެވެސް ވަރަކަށް ފައިސާ ދައްކާފައިވާކަން ވެސް އެނގިފައިވެ އެވެ،" ސަންއަށް ކޮޕީލިބިފައިވާ އެ ސިޓީގައިވެ އެވެ. އަދި ބުނަނީ އެމްޑީޕީއަށް ވަނުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކައި އަދި ވަކި ޕާޓީއަކަށް ނިސްބަތްވާ މުވައްޒަފުންނަށް ޕުރޮމޯޝަންދީ ތަފާތުކުރަމުން އަންނަ ކަމަށެވެ. އެކަންތައްތަކާއި ހުރެ އެ ކުންފުންޏަށް މިދިޔަ އެޕްރީލްމަހު ވެސް 59.4 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކާކަމަށެވެ.
އެ ސިޓީއާ ގުޅިގެން ކޫއްޑޫގެ މެނޭޖިންޑިރެކްޓާ އިސްމާއިލް އާދަމް މިއަދު ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށާއި އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހެޅި ނަމަވެސް ރަސްމީ މައުލޫމާތު ލިބިވަޑައިގެންފައިނުވާކަމަށެވެ.
"ހަމަގައިމުވެސް އަޅުގަނޑުގެ ކުންފުންޏެއް ނޯވޭ. އެހެން ބޭފުޅުންގެ ގޮތެއް ނޭންގެ. އެހެން ބޭފުޅުންގެ ވެސް ހިއެއް ނުވޭ. އެއީ މިތަނުގައި އޮންނާނީ މަސްލަހަތު އޮންނަ ވިޔަފާރިއެއް ނުކުރެވޭ ގޮތަށް،" އާދަމް ވިދާޅުވި އެވެ.
ކުންފުންޏަށް 59.4 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ވާހަކައަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ އެ ކުންފުނި އުފެދުނު ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ކުންފުންޏަށް 11.5 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ވެސް 40 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާކަމަށެވެ.
" މުޅި ކޫއްޑޫގެ އަގަގީ (އެސެޓްވެލިއު) ވެސް 40 މިލއަން ޑޮލަރު(200 މިލިއަން ރުފިޔާ) . އެބުނާގޮތަށް ގެއްލުންވަންޏާ ކިހިނެތްތޯ ހިފަހައްޓާލާނީ،" އާދަމް ވިދާޅުވި އެވެ.