ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ރައީސް ސިރިސޭނާ އުވާލުމުން ރަނިލް ލީޑު ކުރައްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ނިންމައިފި އެވެ.

ރައީސް ސިރިސޭނާ ވަނީ ރޭ ދަންވަރުން ފެށިގެން ގާނޫނު ހަދާ މަޖިލިސް އުވާލާފައެވެ. އަދި މިފެށޭ އަހަރުގެ ޖެނުއަރީ މަހު ފަސް ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާ ގޮތައް ވަނި ނިންމާފައެވެ.

އުވާލި މަޖިލިސްގެ ޔޫއެންޕީ ތަމްސީލުކުރައްވާ އަދި ކުރީގެ ފިނޭންސް މިނިސްޓަރު، މަންގަލަ ސަމަރަވީރާ ހަވާލާ ދީ "ސަންޑޭ ޓައިމްސް" އިން ބުނީ ގާނޫނު ހަދާ މަޖިލިސް އުވާލީ ގާނޫނާ ހިލާފަށް ކަމަށާއި މި ފެށޭ ހަފްތާގައި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.

ސްރީލަންކާގެ މަޖިލިސް އުވާލި އިރު، މީގެ ދެހަފްތާ ކުރިން ޔޫއެންޕީ އިން ވަނީ އަލަށް ބޮޑުވަޒީރުކަމަށް އައްޔަން ކުރި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް އަށް ހުށައަޅާފައެވެ.

އިދިކޮޅު މައި ޕާޓީ ތަމަޅައިން ގެ ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) ޕާޓީ އާއި ޖަނަކް ވިކްތުމަ ޕެރަނަޔަ (ޖޭވީޕީ) އިން ވެސް އެ ފަދަ މައްސަލަ އެއް ސުޕްރީމް ކޯޓަށް ލާން ވަނީ ނިންމާފައެވެ.

މިދިޔަ މަހު 26 ވަަނަ ދުވަހު ރައީސް ސިރިސޭނާ ވަނީ ކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ރާޖަޕަކްސަ އެ މަގާމަށް އައްޔަން ކޮށްފަ އެވެ. އެހިސާބުން ލަންކާގެ ސިޔާސީ މަސްރަހު ހޫނު ވެގެން ދިޔަ އެވެ.

ސިރިސޭނާ ވަނީ އާ ކެބިނެޓެއް އެކުލާވާލާ އޭރު މަޖިލިސް ވެސް ސަސްޕެންޑް ކޮށްފައެވެ.