10 Nov 2018, 19:03
އިންޑިއާ މީހަކު އޭނާގެ ދަރިފުޅުގެ ކައިވެންޏަށް މީހަކު ހުށަހެޅި ހުށަހެޅުން ގަބޫލު ނުކޮށް އެކަމާ ދެކޮޅު ހެދުމުން ކައިވެންޏަށް ހުށަހެޅި މީހާ އަންހެންކުއްޖާގެ ބައްޕަ މަރާލައިފި އެވެ.
މިހާދިސާ ހިންގާފައިވާނީ އިއްޔެ އިންޑީއާގެ މަހާރާޝްތްރާ ސްޓޭޓުގައި ހުންނަ އެ އަންހެންކުއްޖާގެ ބައްޕަގެ ގޭގައެވެ.
ފުލުހުންނާ ހަވާލާދީ "އެންޑީޓީވީ" އިން މިއަދު ބުނީ އެ ފިރިހެންމީހާ އަންހެންކުއްޖާގެ ބައްޕައަށް ހަމަލާ ދިނީ އޭނާގެ ދަރިފުޅާ ކައިވެނި ކުރަން އެދުމުން އެމީހާ އަކީ ވަޒީފާގައި އުޅޭ މީހަކަށް ނުވާތީ ބައްޕަ އެކަމާ ގަބޫލު ނުވުމުން ކަމަށެވެ. އެކަމާ ރުޅިގަދަވެ އެ މީހާ ފުރަތަމަ ގެއްލުން ދިނީ ބައްޕަ ދިރިއުޅޭ ގެޔަށް ކަމަށާއި އެޔަށް ފަހު، ތޫނު އެއްޗަކުން ތަކުރާރުކޮށް ހަމަލާ ދީ މަރާލީ ކަމަށެވެ.
މި ހާދިސާގައި އެ ފިރިހެން މީހާގެ އެކުވެރި އިތުރު ހަތަރު މީހަކުވެސް ބައިވެރިވި އެވެ.
ހަމަލާ ދިނުން ހުއްޓުވަން އުޅުނު އެއާއިލާގެ އެހެން މީހަކުވެސް ވަރަށް ބޮޑަށް ޒަހަމް ވި ކަމަށް "އެންޑީޓީވީ" ގައި ރިޕޯޓު ކޮށްފައިވެ އެވެ.
މި ހަމަލާ ދިނުމުގައި ބައިވެރިވި ފަސް މީހުންވެސް މިހާރުވަނީ ހައްޔަރު ކޮށްފައެވެ. އަދި މިއަދު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް އިންޑިއާގައި ކައިވެންޏަކަށް ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރުމުން، ގަބޫލު ނުވި އަންހެން ކުއްޖާ މަރާލުމަށް ފަހު، ފިރިހެނަކު ވަނީ އަމިއްލަ އަށް ދަންޖެހި މަރުވެފައެވެ.