މިއަހަރުގެ ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) ޗެމްޕިއަންޝިޕް ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ އިންޑިއާގެ ސިޓީއެއް ކަމަށްވާ ކުތަކް އޮރިއްސާ ގައި ނުބާއްވާ ނިއު ދިއްލީ ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިބުރާތާތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު ކޮމެންވެލްތް ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައެވެ. އެ ސްޓޭޑިއަމަކީ 60،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމެކެވެ.

އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ބަންގްލަދޭޝް ގައެވެ. އެމުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ދެއަހަރުން އެއްއަހަރު ބާއްވާ މުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

މިއަހަރު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް އަދި ފެށޭ ގޮތް ވަނީ ނުވެފައެވެ. ޝީޝެލްސްގައި ބޭއްވުނު އަށްވަނަ އިންޑިއަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން، މިމަހު 15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްކޯ އިން ގައުމީ ޓިމުގެ ކޯޗު ޑިއޭގޯ ކުރުސިއާނީ ވަކިކުރުމަށް ފަހު އަދިވެސް ކޯޗެއް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ކޯޗަކު މުޅިން ފައިނަލް ވާނެ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ސާފްޗެންޕިއަންސިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.