10 Nov 2018, 10:18
ނުވަދިހައިގެ އަހަރުތަކުގައި ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ބަތަލާ ޝަކީލާ ޚާންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަށް ބަތަލާ ރިޗާ ޗައްޑާ ފަސް ކިލޯ ބަރުކޮށްލައިފިއެވެ.
ބަޔޮޕިކްތަކުގައި އަސްލު ކެރެކްޓާ އެންމެ ފުރިހަމައަށް ދައްކައި ދިނުމަށް އެކްޓަރުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެއެވެ.
ރިޗާ ބުނީ ބަޔޮޕިކްގެ މަސައްކަތް ފެށުމަށް ޝަކީލާ އާއި ބައްދަލު ކުރި ފުރަތަމަ ދުވަހު، ރިޗާ މާބޮޑަށް ހިކި ކަމަށް ޝަކީލާ ފާހަގަ ކުރި ކަމަށެވެ. އެ ދުވަހަށް ފަހު ރިޗާ ވަނީ ފަލަވުމުގެ މަސައްކަތް ފަށައިފައެވެ. އަދި މަސް ދުވަހުގެ ތެރޭގައި ރިޗާ ވަނީ ބަރުދަން 5.5 ކިލޯ އިތުރުކޮށްފައެވެ.
ރިޗާ ބުނީ އެއް މަސް ދުވަސް ވަންދެން މުޅިން ހެން ކެއުމުގައި ހިމެނީ ތެލުލައިފައި ހުންނަ ކާނާ ކަމަށެވެ.
ޝަކީލާގެ ބަޔޮޕިކް އަށް ރިޗާ އެއްބަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. ނަމަވެސް ރިޗާ ބުނީ ޝަކީލާގެ ވާހަކަ އަކީ މީހުންނަށް އެނގެން ޖެހޭ ވާހަކައެއް ކަމަށެވެ. އަދި ވިދްޔާ ބާލަންގެ 'ޑާޓީ ޕިކްޗާ" އާއި ޝަކީލާގެ ބަޔޮޕިކް އަޅާކިޔާނެކަން އެނގޭ ކަމަށާއި، ނަމަވެސް އެއީ މުޅިން ތަފާތު ދެ ވާހަކަ ކަމަށް ރިޗާ ބުންޏެވެ.
އިންދްރަޖީތު ލަންކޭޝް ޑައިރެކްޓު ކުރާ ބަޔޮޕިކްގައި ގެނެސްދޭނީ ޝަކީލާ މަޝްހޫރުވެގެން ދިޔަ ގޮތާއި، އޭނާގެ ކެރިއަރު އަޑިއަޅާލި ގޮތެވެ.