10 Nov 2018, 10:14
'ހޭޓް ސްޓޯރީ 2'ގެ ބަތަލާ ސުރްވީން ޗައުލާ އަދި ފިރިމީހާ އަކްޝޭ ޓައްކަރް އަށް ކުއްޖަކު ލިބެން އުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ.
މިއީ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ. މަންމައަކަށް ވާން އުޅޭކަން ހާމަކުރުމަށް ސުރްވީން ޕޯސްޓުކޮށްފައި ވަނީ ދެމަފިރިންގެ ފޮޓޯ ފްރޭމެއްގެ ކައިރީގައި ކުޑަ ކުއްޖެއްގެ ބޫޓެއް ބައިންދައިގެން ނަގައިފައިވާ ފޮޓޮއަކާއި އެކުއެވެ.
ސުރްވީން ކުރި ޕޯސްޓުގައި ބުނެފައި ވަނީ ދެމީހުންގެ އުޖާލާ ދިރިއުޅުން އިތުރަށް އުޖާލާވާން އުޅޭކަމަށާއި، އެ އާއިލާއާށް މެހެމާނަކު އިތުރުވާން އުޅޭކަމަށެވެ.
ސުރްވީން އާއި ވިޔަފާރިވެރިޔާ އަކްޝޭ ކައިވެނި ކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު އިޓަލީގައެވެ. ދިމާވިތާ ދެ އަހަރު ފަހުންދެމީހުން ކައިވެނި ކުރީ ފިލްމީ ދާއިރާގެ ވަރަށް މަދު މީހުންނާއި ދެފަރާތުގެ އާއިލާ ބައިވެރިވި ވަރަށް ސިއްރު ހަފްލާއެއްގައެވެ.
ދެމީހުން ކައިވެނި ކުރިކަން ވެސް ހާމަކޮށްފައި ވަނީ އޭގެ ދެ އަހަރު ފަހުން 2017 ވަނަ އަހަރުއެވެ.
ޓީވީ ޑްރާމާ ސިލްސިލާ 'ކަހީން ތޯ ހޯގާ' އަދި 'ކާޖަލް' އިން މަޝްހޫރުކަން ހޯދި ސުރްވީން ވަނީ ‘ހޭޓް ސްޓޯރީ 2’ގެ އިތުރުން، ‘އަގްލީ’ އަދި ‘ޕާޗްޑް’ އިން ވެސް ފެނިގެން ގޮސްފަ އެވެ. އަދި ޕަންޖާބީ ފިލްމުތަކުންނާއި ބައެއް ހިންދީ ލަވަތަކުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.