10 Nov 2018, 10:03
ސްރީލަންކާގެ އާންމު އިންތިހާބު އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލިސް ރޭ ދަންވަރު ބާރައިގެ ފަހުން އުވާލާފައިވާއިރު މަޖިލިސް އުވާލުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އާންމު އިންތިހާބު ޖެނުއަރީ ފަހެއްގައި ބާއްވައި، އަލަށް އިންތިހާބު ކުރާ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން 2019 ޖެނުއަރީ 17 ގައި ބާއްވަންވާނެ ކަމަށެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ލަންކާގެ ސިޔާސީ މަސްރަހު ހޫނު ވެފައިވަނީ ވެރިކަން ކުރާ ކޯލިޝަން ރޫޅި، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހާ މަގާމުން ދުރުކޮށް ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރުމުންނެވެ.
ބޮޑުވަޒީރުގެ ބާރުތައް ދޫކޮށްލުމަށް ރަނިލް ދެކޮޅު ހައްދަވަމުން ގެންދާއިރު ސިރިސޭނާއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭ ކަމަށް ރަނިލްގެ ޕާޓީ އިން ދަނީ ބުނަމުންނެވެ. ރަނިލްގެ ޔޫއެންޕީއިން ބުނެފައިވަނީ މަޖިލިސް އުވާލުމަށް ނިންމި ނިންމުން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ސިރިސޭނާ ވަނީ ލަންކާގެ ޑިމޮކްރަސީ މަރަލާފައި ކަމަށް ޔޫއެންޕީ އިން ބުނެއެވެ.
ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބު ބާއްވާނެ ދުވަހެއް ނިންމުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށާއި މަޖިލީސް އުވާލުމާމެދު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.