ސައުދީއަރަބިއްޔާގެ ސިޔާސީ ދާއިރާ އަށް ރަސްގެފާނު އަބްދުﷲ ގެންނަވާ ބަދަލުގެ ދަށުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގުދީ އަދި މުނިސިޕަލް ކައުންސިލް އިންތިހާބުގައި އަންހެން ކަނބަލުންނަށް ވާދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ރަސްގެފާން ވިދާޅުވެއްޖެ އެވެ.

ރަސްގެފާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ އިން ބުނި ގޮތުގައި މުސްތަގުބަލުގައި ސައުދީގެ މުޖުތަމައުގައި އަންހެނުންގެ ރޯލް ފުޅާކުރުމަށް ރަސްކަމުން ބާރުއަޅުއްވާނެ އެވެ.

"އެއްވެސް ދާއިރާއެއްގައި އަންހެނުންގެ ރޯލް ސައުދީ މުޖުތަމައުގައި ހަނިކުރަން އަޅުގަނޑުމެން ދެކޮޅުހަދަން،" ރަސްގެފާން އަބްދުﷲ ޓީވީގައި ވިދާޅުވި އެވެ. "މުނިސިޕަލް ކައުންސިލް އިންތިހާބުގައި އަންހެނުން ވާދަ ކުރުމުގެ ހައްގު ވެސް ޝަރީއަތާ އެއްގޮތަށް ދޭނަން."

ސުންނީ، ވަހައްބީގެ ދަށުން ސައުދީ އަރިބިޔާ އަކީ ޖިންސީ ތަފާތުކުރުންތައް ހައްދުން ނެއްޓޭ ވަރަށް ފުޅާވެފައި އޮތްތަނެކެވެ. އެގޮތުން ދެ ޖިންސު އެއްކޮށް ސްކޫލަށް ދިޔުމާއި ދެ ޖިންސު މަސްހުނިވުމާއި އެއްކޮށް ރެސްޓޯރަންޓް ފަދަ ތަންތަނަށް ގޮސް ކެއުމަކީ ވެސް ވަރަށް ހަނިކުރެވިފައިވާ ކަންކަމެވެ.

ސައުދީ ރަސްގެފާން އިއްޔެ ސައުދީ ނޭޝަނަލް ޓީވީ މެދުވެރިކޮށް ވިދާޅުވީ ކުރިއަށް އޮތަނުގައި އެމަނުކުފާނަށް ލަފާދޭ، ޝޫރާ ކައުންސިލްގައި ވެސް އަންހެނުން ބައިވެރި ކުރާނެ ކަމަށެވެ.

ރަސްގެފާނުގެ ވައުދާ އެއްގޮތަށް 2009 ވަނަ އަހަރު އެ ގައުމުގައި ކޯ އެޑިޔުކޭޝަނަލް ޔުނިވަސިޓީއެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި އެ އަހަރު ވަނީ އަންހެން ކަނބަލަކަށް ޑިޕިއުޓީ މިނިސްޓަރުކަން ދެއްވައިފަ އެވެ. އަދި އަންހެނުންނަށް އިތުރު ވަޒީފާ ދެއްވާނެ ކަމަށް ވެސް ރަސްގެފާނު އޭރު ވިދާޅުވި އެވެ.

ރަސްގެފާނަށް ގާނޫނީ ލަފާއެރުވުމަށް 150 މެންބަރުންގެ ސޫރާ ކައުންސިލެއް ވަނީ ރިޔާޒުގައި ގާއިމުކޮށްފަ އެވެ. ބާރަ ކޮމެޓީއެއްގެ މައްޗަށް އެކުލެވޭ އެސެމްބުލީން އިންސާނީ ހައްގުގެ ކަންތައްތަކާއި ހާރިޖީ ކަންކަމުގައި ރަސްގެފާނަށް ލަފާ އަރުވަ އެވެ.