ދިވެހިންވެސް ޓިކްޓޮކް ނުވަތަ ކުރީގެ ނަމުން ނަމަ މިއުޒިކަލީގެ އަވާގައި ނިކަން ރަނގަޅަށް ޖެހިއްޖެއެވެ. މޮޅެތި ވީޑިއޯ ކުޅެފައި ކޮންމެ ދުވަހަކަު އަޕްލޯޑް ކުރާ މީހުން މިހާރު މަދެއް ނޫނެވެ. ދިވެހިންގެ ތެރެއިން މި އެޕް ބޭނުން ކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ފޮލޯވަރުން ގިނަ އެކަކަށް ވާނީ ޔަގީނުން ވެސް ފާތިމަތު ޝަޒީލާ(ޝަޒީ) އެެވެ.

ޓިކްޓޮކްގައި އޭނާއަށް ފޮލޯކުރާ ފޭނުން ލައްކައަކަށް އަރައިފިއެވެ. ޝަޒީގެ ފޭނުން ލައްކައަކަށް އެރީ މީގެ ދެތިން ދުވަސް ކުރިންނެވެ. މިހާރު އޭނާގެ ފޭނުންގެ އަދަދު 102.4 ހާހަށް ވުރެއް މައްޗަށެވެ.

"100 ކޭ" ހަމަވުމާއެކު ޝަޒީ ވަނީ އެކަން ފާހަގަކޮށް އިންސްޓާގްރާމްގައި ޕޯސްޓެއްވެސް ކޮށްފައެވެ.

"ސަން"އަށް މައުލޫމާތު ދެމުން ޝަޒީ ބުނީ، ހަގީގަތުގައި އޭނާގެ ވީޑިއޯތައް ބަލައި އޭނަ ފޮލޯކުރާނެ އެހާ ގިނަ ބަޔަކު ތިބޭނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. ޝަޒީ ޓިކްޓޮކްގައި ވީޑިއޯ ކުޅެން ފެށީ އޭނާގެ "ބެސްފްރެންޑް" އާއެކުއެވެ.

"އަސްލު ޝަޒީގެ ބެސްޓީ އާއެކު މަޖަލަށް ވީޑިއޯ ކުޅެން ފެށީ، އޭރު ކޮންމެވެސް ވަރަކަށް ޑަބްސްމޭޝް ބޭނުން ކުރިން، ދެން އޭރު މަޖަލަށް ދެމީހުން ވޯކް ކުރި ފިހާރައިގަ އުޅެމުން ވެސް އެހެން ވީޑިއޯ ކުޅެން،" ޝަޒީ ކިޔައިދިނެވެ.

"100 ކޭ" ހަމަވުމުން ޝަޒީ ކުރި ޕޯސްޓު...

ޝަޒީގެ ވީޑިއޯތައް ދިވެހިންގެ މެދުގައި ވަރަށް ރަނގަޅަށް ވެސް ވައިގަހިފާލީއެވެ. އެންމެ ފަހުން ފޭނުންގެ ރިކުއެސްޓް ތަކަށް ވެސް ޝަޒީ ޖެހުނީ ވީޑިއޯ ކުޅެދޭށެވެ.

"މެސެޖް ކޮށްލާފަ ބައެއް ކުދިން ބުނާނެ މިވެނި ކަހަލަ ވީޑިއޯ އެއް ހަދާލަބަލާށޭ، އަސްލު ފޭނުން ވަރަށް ސަޕޯޓިވް،"ޝަޒީ ވަނީ އޭނާގެ ލޯބިވާ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

ފިލްމު ތަކުގައި ކިޔާފައި ހުންނަ ޑައިލޮގްތަކަށާއި ލަވަތަކުގެ ބައެއް ކަޑި ތަކަށް މޮޅަށް އެކްޓްކޮސްފައިވާ ޝަޒީ ފިލްމީ ދާއިރާގައި މަސައްކަތް ކޮށްލުމުގެ ޝައުގުވެރިކަން އެބަ ހުއްޓެވެ.

"ޝަޒީ މިހާރުވެސް ވީޑިއޯ ކުޅޭ އިރު ބަލަން މޫނުމަތީގެ އެކްސްޕްރެޝަން ވަރަށް ރަނގަޅަށް ދައްކަދޭން، ބޭނުން ފިލްމެއް ކުޅެން، ވަރަށް މީހުން ހިތްދަތި ކޮށްލާ ކަހަލަ މޮޅު ރޯލެއް ކުޅެން،" ޝަޒީ ބުންޏެވެ.

ޝަޒީ ދިވެހި ފިލްމަކުން ފެނުން ވާނީ އޭނާގެ ފޭނުންނަށް ލިބޭނެ އިތުރު އުފާވެރިކަމަކަށެވެ. ފަހަރެއްގައި ވަރަށް އަވަހަށް ޝަޒީ އެ ދާއިރާއިން ވެސް ފެނުން އެކަށީގެންވެއެވެ.