26 Sep 2011, 14:53
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔެން ޒިއުޕިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަފީރުކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކި ގޮތްގޮތުން ކޮށްދެއްވި ޚިދުމަތްތަކަށް އެކަމަނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ކުރިއަށް އޮތްތާނގައިވެސް އިތުރަށް ހަރުދަނާވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، މިއަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގަޔާއި، ސާކް ސަމިޓު ހިނގަމުންދާއިރު ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.