03 Jun 2010, 05:26
10:00
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ތެލުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުމަށް 3.3 މިލިއަން އެމެރިކާ ޑޮލަރު ދިނުމާ ބެހޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ މި އެހީއަކީ ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޖަޕާން ސަރުކާރުން ދޭ އެހީއެއް ކަމަށެވެ. އަދި ތެލުގެ އެހީދެނީ، މި ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށް ކަމަށާއި މިފައިސާ ޚަރަދު ކުރެވޭ މަޝްރޫޢުތައް ކަނޑައަޅާނީ ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާ ކޮށްގެން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރުފަހު ކޮޅުނބުގައި ހުންނަ ޖަޕާން އެމްބަސީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅައިފައި ހުންނަ ސަފީރު އަލީ ޙުސައިން ދީދީ ކަމަށާއި ޖަޕާން ސަރުކާރުގެ ފަރާތުން މި 'އެކްސްޗޭންޖް އޮފް ނޯޓްސް' ގައި ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ. ކޫނިއޯ ޓަކާހާޝީ ފޮރިން މިނިސްޓްރީން ބުންޏެވެ.