26 Sep 2011, 14:51
އައްޑޫ ސިޓީގެ، ފޭދޫ އަވަށުގެ ގެއެއްގައި ރޭފަތިހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ފޭދޫ ކައުންސިލް މެމްބަރު އަހުމަދު މިރުޒާދު ވިދާޅުވީ ރޭ ފަތިހު 4:45 ހާކަންހާއިރު ހިނގި ހާދިސާގައި އެ އަވަށު ސީސަންމާގެ އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި އެގޭގައި ހިފާގެންގުޅެން ބޭނުން ކުރާ ހުރިހާ އެއްޗެއް ވެސް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
މިރުޒާދު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެގޭގައި ދިރިއުޅޭ މީހުން އޭރު ތިބީ ބޭސް ފަރުވާ އަށް ރަށުން ބޭރުގައި ކަމަށެވެ. އަދި އެގެ ބަލަހައްޓަން ހުންނަ މީހާ ފިޔަވައި އެހެން މީހަކު މިހާރު ގޭގައި ދިރިނޫޅޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ދިމާވަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ހާދިސާ ހިނގާފައި ވަނީ އެގޭގައި ދިރިއުޅޭ މީހާ ފަތިސް ނަމާދަށް ދިޔަ ވަގުތު ކަމަށެވެ.
"އެގޭގެ ދިރިއުޅޭ މީހުން ތިބީ ބޭސް ފަރުވާ އަށް މާލެ ގޮސް. މިހާރު އެގޭގައި އުޅެނީ އެގެ ބަލަހައްޓަން ހުންނަ މީހެއް. މި ހާދިސާ ހިނގާފައި ވަނީ އެ މީހާ ފަތިސް ނަމާދަށް ގޮސް ހުއްޓާ. އޭނާ ބުނާގޮތުން ނަމަ އޭނާ ނަމާދަށް ދިޔައީ ގޭގެ ހުރިހާ ކަރަންޓް އެއްޗެއް ނިއްވާލައިފައި. އެހެންވެ މި ހާދިސާ ހިގަން މެދުވެރިވި ސަބަބެއް ސީދާ ބުނާކަށް ނޭގެ،" މިރުޒާދު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހު 5:30 ހާކަންހާއިރު ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި ގޭގައި އަލިފާން ރޯވަން ދިމާވި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.