26 Sep 2011, 14:10
ރ. ފައިނު ސްކޫލްގެ ކޮމްޕިއުޓަރަކުން ކްރިސްޓިއަން ދީން ފަތުރަން ބޭނުންކުރާ ޒާތުގެ ވީޑިއޯ މަދަހަތަކެއް މިއަދު ފެނިއްޖެ އެވެ.
ފައިނު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ސިރާޖް މިއަދު ވިދާޅުވީ އެ ވީޑިއޯތަކަކީ ކޮންފަރާތަކުން ކޮމްޕިއުޓަރަށް އަޅާފައިވާ ވީޑިއޯތަކެއް ކަމަށް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ކޮމްޕިއުޓަރަކީ އެ ސްކޫލްގެ ސްޓާފްރޫމުގައި ޓީޗަރުން ބޭނުން ކުރަން ބަހައްޓާފައި ހުންނަ ކޮމްޕިއުޓަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ވާނީ އެ މައްސަލަ މިސަރަހައްދުގެ ތަޢުލީމީ ޔުނިޓަށާއި އަދި ރަށު ކައުންސިލަށް ހުށައަޅާފައި،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ފައިނު ސްކުލުން ވާހަކަ ދެއްކި މީހަކު ބުނީ އެ ސްކޫލުން ފެނުނު ކުރިސްޓިއަން ދީން ފަތުރަން ބޭނުންކުރާ 28 ވަރަކލަށް ވީޑިއޯ ލަވަ( މަދަހަ) ހުރި ކަމަށެވެ. އަދި އެ ލަވަތަކުގައި ސޮލީބް ފަދަ ކުރިސްޓިއަން ދީން ފަތުރަން ބޭނުންކުރާ ތަކެތި ފެންނަ ކަމަށް އޭނާ ބުންޏެވެ.
ގާތްގަނޑަކަށް 80 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލްގައި އިންޑިޔާގެ ފަސް ޓީޗަރުން ކިޔަވައިދެމުން އަންނަ ކަމަށް ސުކޫލުން ބުނެ އެވެ.
މީގެ ހަފްތާއެއް ހާ ދުވަސް ކުރިން އާއްމުކޮށްފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ12 ވަނަ މާއްދާގެ (ނ) ގައި ބުނަނީ އެހެން ދީނުގެ ޝިއާރުތައް ދިވެހިރާއްޖޭގައި ފާޅުކޮށްހެދުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ މީހަކީ ބިދޭސިއެއް ކަމަށް ވާ ނަމަ އެމީހަކު ރާއްޖެ އިން ފޮނުވާލުމަށް އިމިގްރޭޝަނާ ހަވާލު ކުރެވޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.