ޗެމްޕިއަންސް ލީގުގައި މާދަމާރޭ ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނަ މެޗުގައި އެޓޭކިންގް ފުޓުބޯޅައެއް ކުޅެ ކާމިޔާބީ ހޯދޭނެކަމަށް އެޓީމުގެ ސްޕެއިން މިޑްފިލްޑަރު ޑޭވިޑް ސިލްވާ ބުނެފިއެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި އިދިކޮޅު ޓީމުގެ ޑިފެންސް ފޫ އަޅުވާ ނުލެވިގެން ކޯޗު ރޮބާޓޯ މަންޗިނީ ބޭނުންކުރީ މާރިއޯ ބަލޮޓެލީ އެވެ. ސިލްވާ ގަބޫލުކުރާ ގޮތުގައި ކޯޗު މަންޗިނީގެ އިރުޝާދުގެ ދަށުން ކޮންމެ ކުލަބެއްވެސް ބަލި ކޮށްލެވޭނެ ކަމެވެ.
"އަހަރެމެން އަބަދުވެސް އެޓޭކު ކުރާގޮތަށް ކުޅެވޭނެ. އަހަރެމެން އަމިއްލަ ގޮތްތަކުގައި އަބަދުވެސް ހިފަހައްޓަން އެބަޖެހޭ. އަމިއްލަ ދަނޑުގައި ނޫނީ ރަށުން ބޭރުގައި ވިޔަސް ގެންގުޅެމުންދާ ކުޅެމުންދާ ގޮތް ބަދަލުކުރާކަށް ނުޖެހޭ. ޗެމްޕިއަންސް ލީގުގައި އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުގައި ނަޕޯލީ އިން ވެސް ވަރުގަދަ ކުޅުމެއް ދައްކާ މޮޅުވާން މަސައްކަތް ކުރި. ހަމަ އެގޮތަށް ބެޔާން މިއުނިކުން ވެސް ބަލާނީ މޮޅުވެވޭތޯ. ކޯޗު މަންޗިނީ ގެ އިރުޝާދުގެ ދަށުން އަހަރެމެންނަށް ކާމިޔާބީ ލިބޭނެ." ސިލްވާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އިޓަލީގެ ކުލަބު ނަޕޯލީ އިން މެންޗެސްޓާ ސިޓީ ހިފެހެއްޓުމުން މުބާރާތަށް އަންނަ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއްކަމަށް ގަބޫލުކުރާ ސިލްވާ ބުނެފައިވާ ގޮތުގައި މަޑު މަޑުން ރަނގަޅު ނަތީޖާ ހޯދައި ޓީމު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަހަރެމެން ވިސްނަންޖެހޭނީ ބެޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗަށް. އެއަށްފަހު އަހަރެމެން ޖެހޭނެ މަޑު މަޑުން ރަނގަޅު ނަތީޖާ ނެރެ، ޓީމު އިތުރަށް ވަރުގަދަ ކުރަން. އޭރަށް އަހަރެމެން ޗެމްޕިއަންސް ލީގުގައި ވެސް ކާމިޔާބީ ލިބޭނެ." ސިލްވާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މާދަމާރޭ ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނާނީ ރަށުން ބޭރުގައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 11:45 ގައެވެ.