09 Nov 2018, 13:36
އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެ، ފިލްމީ ކަންކަމުގައި އުޅެނ ފެށީ ފިރިމީހާ އާ ދެކޮޅަށް ކަމަށް ކާމިޔާބު ފިލްމު އެކްޓަރު އަދި ފާހަގަކޮށްލެވޭ އެއް ސްކްރީން މަންމަ ކަމަށްވާ މަރިޔަމް ހަލީމް ބުނެފިއެވެ.
"ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މަރިޔަމް ބުނީ، އޭނާއަށް ފިލްމީ ދާއިރާއަށް ނުކުންނަށް ޖެހުނީ ފިރިމީހާ އަލީ ފާރޫގު، ކައިރީގައި ނެތް ދުވަސްވަރެއްގައި ދަރިން ގޮވައިގެން އުޅެމުން އަތްމަތި ވަރަށް ބޮޑަށް ދަތިވެގެން ކަމަށެވެ. ނަމަވެސް މަރިޔަމް އަށް ވުރެއް ކުރިން ފާރޫގް ފިލްމު ކުޅެން ފަށާފިއެވެ.
އެގޮތުން ފުރަތަމަ ފިލްމީ ދާއިރާއަށް ވަންއިރު ފިރިމީހާއަށް ނޭނގޭނެ ކަމަށާއި އެ ދާއިރާއިން ފުރުސަތު ދިނީ މިހާރު ދާއިރާގެ އެންމެ އުހުގައި ގުނާލެވޭނެ ޕްރޮޑިއުސަރ/ޑައިރެކްޓަރު ފާތިމަތު ނަހުލާ(ނަހޫ) ކަމަށެވެ.

މަރިޔަމް ހަލީމް --- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ
"ނަހޫގެ ހެދުން އެއްޗެހި ފަހާދީ އުޅެން ކުރީގަވެސް، ދެން އެއްރޭ ނަހޫ އައި އިރު ގޭގަ ކަރަންޓް ނެތް، ނަހޫ ހުރެފަ ބުނެފި ކަރަންޓް ލާދީފާނަމޭ ހިނގާށޭ އަހަންނާއެކީ ފިލްމު ކުޅެން،" މަރިޔަމް ކިޔައިދިނެވެ.
މަރިޔަމް ބުނީ ފިލްމު އެޅުވުމުގެ ކުރިން އެ ފިލްމުގެ އިސްތިހާރު ފެނުމާއެކު ފާރޫގް ގުޅާފައި ފިލްމު ނުކުޅުމަށް ބުނި ކަމަށެވެ. އަދި ޖަވާބުގައި "ދެން ފިިލްމު ކުޅުމާގެން ކުރިޔަށް ދާނެ" ކަމަށް ބުނެފައިވާނެ ކަމަށް މަރިޔަމް ބުންޏެވެ.
މަރިޔަމްގެ އެންމެ ފުރަތަމަ ފިލްމަކީ ނަހޫ ޑައިރެކްޓްކުރި ފިލްމު "ލައިލާ" އެވެ. އެ ފިލްމަކީ މަރިޔަމް އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
"ފިލްމުގެ އިސްތިހާރުގަ އަހަރެން އަތް ދައްކައިގެން، އެތަންކޮޅު ފެނިގެން ފިރިމީހާ ބުނި ފިލްމު ނުކުޅޭށޭ، އެކަމަކު އަހަރެން ނުލާހިކު ޝައުގުވެރިކަން އުފެދިގެން ކުރިޔަށް ދާން ނިންމައިގެން ހުރީ،" ގިނަ އަަދަދެއްގެ ޑްރާމާ ތަކުން ވެސް ފެނިފައިވާ މަރިޔަމް ބުންޏެވެ.
"ލައިލާ" އަށް ފަހު އެހެން ފިލްމުތަކުން ވެސް ފުރުސަތު ލިބެން ފެށުމާއެކު ކުރިޔަށްދާން ނިންމައި މަސަައްކަތް ފެށި ކަމަށް މަރިޔަމް ބުންޏެވެ. އެންމެ ފަހުން ފާރޫގް އާ ދެމީހުން ވެސް ފިލްމުތަކުން އެކީގައި ފެނިގެން ގޮސް ދަރިން ވެސް މިދާއިރާއަށް ވަނީއެވެ. ރަވީ ފާރޫގް އާއި ހަމްދާން ފާރޫގް އަކީ އެދެމަފިރިންގެ ދަރިންނެވެ.

މަރިޔަމް ހަލީމް އާއޮ ފާރޫގް އަލީ އެކުގައި ފެނިގެންދިޔަ "ކަސަބު ލިބާސް" ލަވައިގެން މަންޒަރެއް...
ގިނަ ފިލްމު ތަކުގައި މަރިޔަމް "ވިލަން"ގެ ރޯލުތަކުން ފެންނަނީ ކީއްވެތޯ އަހާލުމުން ބުނީ، އެއީ ޑައިރެކްޓަރު ހަވާލު ކުރާ ރޯލު ކަމަށާއި އެހެން ރޯލްތައް ވެސް ފަސޭހަ ކަމާއެކު ކުޅެލެވޭނެ ކަމަށެވެ. ދެން އެންމެ އަވަހަށް މަރިޔަމް ފެންނާނީ ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" އިންނެވެ.
ކުރިން ފިރިމީހާ ނުގަބޫލަސް މިހާރު ފިރިމީހާގެ ސަޕޯޓް އެންމެ ފުރިހަމަޔަށް ލިބިގެން މަރިޔަމް އާއި ފާރޫގް އެކީ ގިނަ ފިލްމު ތަކަކާއި ޑްރާމާ ތަކެއްގައި މަސައްކަތް ކޮށްފިއެވެ. އެދެމީހުން އެކުގައި ވަނީ ބޮޑުވެރު ލަވަ "ކަސަބު ލިބާސް" އިން ވެސް ފެނިފައެވެ.
މަރިޔަމް އާއި ފާރޫގް އެކުގައި 4426ގައި ފެނުނު އިރު، ނަހުލާގެ "އަދިވެސް އެ ލޯތްބަށް ގަދަރުކުރަން" އަކީ އެ ދެމީހުން އެކުގައި ފެނުނު ޑްރާމާ ސީރީޒެކެވެ.